18 Sep 2013, 23:14
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި، ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގެ ތެރެއަށް ދައުލަތުގެ ބަންޑާރަ ނައިބު ވަދެވަޑައިގެން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ވަކާލާތު ކުރެއްވުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފުކަމެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބުތަކާ ބެހޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކާއި ޝަކުވާތައް ބެލުމަށް ގާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ސިޔާސީ ފަރާތްތަކުން ކުރާ ތުހުމަތުތަކުގައި ހެއްކެތް ނެތި ދައުލަތުގެ ބަންޑާރަ ނައިބު މުޅި ދައުލަތަށާއި އާއްމުންގެ މަސްލަހަތު ފުށުއަރާ ފަދަ ގޮތަކަށް މަސައްކަތްކުރައްވާ ކަން ފާހަގަކުރެވޭ ކަމަށެވެ.
ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ ހ. އަދި ށ.ގައި ބަޔާންކޮށްފައިވާ ގޮތުން ބަނޑާރަ ނައިބަކީ ކޯޓުތަކުގައި މުޅި ދައުލަތް ތަމްސީލްކުރާ ފަރާތަކަށްވެފައި، އެ ފަރާތުން ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ވަކާލާތު ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ފުއާދު ވިދާޅުވެފައިވެ އެވެ.
"ދައުލަތާ ގުޅުން ހުރި ގާނޫނީ އެންމެހާ ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި ބަންޑާރަ ނައިބުގެ އޮފީހުން އަދާކުރަން ހަމަޖެހިފައިވާ ގާނޫނީ އެންމެހާ ވާޖިބުތަކާއި ގާނޫނު އަސާސީންނާއި ގާނޫނުން އަދާކުރުމަށް ކަނޑައެޅިފައިވާ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަމުގައި ވީހިނދު ދައުލަތުގެ މުއައްސަސާއެއް ހިމެނޭ މައްސަލައެއްގައި ސާބިތު ހެއްކެއް ނެތި އެ މުއައްސަސާއާ ދެކޮޅަށް ދައުލަތުގެ ބަނޑާރަ ނައިބު މަސައްކަތް ކުރެއްވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ،" އެ ނޫސް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެއްވެސް ސާބިތު ހެއްކެއް ނެތި ސިޔާސީ ޕާޓީތަކުން ކުރާ ތުހުމަތުތަކުގެ ޝަރީއަތުގެ ތެރެއަށް ބަންޑަރަ ނައިބު ވަދެވަޑައިގެން އެކޮމިޝަން ބަދުނާމު ވާފަދަ ގޮތަށް އެ ތުހުމަތުތަކަށް ބާރުދެއްވާ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވާފައި ވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
ޖުމްހޫރީ ޕާޓީން އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ޝާރީއަތަށް ތަދައްހުލްވެވަޑައިގެން ބަންޑަރަ ނައިބު ވިދާޅުވެފައި ވަނީ އިންތިޚާބު ލަސްކުރާކަށް ވެސް އަދި އިންތިޚާބު އަލުން ބާއްވާކަށް ވެސް ދައުލަތުގެ އިންޓްރެސްޓެއް ނެތް ކަމަށެވެ. ނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އެކަން ސާބިތުކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހެޅި ހެއްކާއި ގަރީނާތަކުގެ ސައްޚަކަން ކަށަވަރު ކުރެވޭނީ އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުތަކެއް ލިބިގެން ކަމަށް ވެސް އާޒިމާ ޝަކޫރު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ބުނެ ވޯޓްލީ މީހުންގެ ލިސްޓް ހޯދުމަށް ޖޭޕީން ހުށަހެޅި މައްސަލާގައި ހައިކޯޓުން އިއްޔެ ވަނީ އެ ލިސްޓް ޖޭޕީ އަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި ގޮތެއްގެ ދިނުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެކޮމިޝަނަށް މިއަދު ވަނީ އެކޮމިޝަންގެ ބައެއް މެމްބަރުން ޗުއްޓީގައި އުޅޭ ކަމަށް ބުނެ އެ ލިސްޓް ދެއްކުމަށް އިންކާރުކޮށްފަ އެވެ.