18 Sep 2013, 23:08
އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގެ އާޓިސްޓުން ތަރައްގީ ކުރުމަށާއި ހިމާޔަތްކުރުމަށް ގާނުނާއި ގާވާއިދުތައް ހެދިގެންދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ދަރުބާރުގޭގެ ހަކުރާ މަލާމުގައި ދިވެހި ފަންނާނުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫންތައް ތަންފީޒު ކުރެވުމުން މިއުޒިޝަނުންނަޝާއި އާޓިސްޓުންނަށް ކުރިއެރުންލިބި އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
"ރާއްޖޭގެ އާޓިސްޓުން ތަރައްގީ ކުރުމަށާއި ހުމާޔަތް ކުރުމަށް ބާރުއެލިގެންދާނެ ގާނޫނާއި ރެގިއުލޭޝަން ގަވާއިދުތައް ވެސް އަދި ގާނޫންތައް ވެސް ހެދިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރި ކުރާ ރަށްރަށުގައި މުނިފޫހިފިލުވުމުގެ ވިޔަފާރި ކުރެވޭފަދަ ޕްރޮގްރާމްތަކެއް ވެސް ރާވަމުންދާ ކަމަށެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި ބޭނުންވާ ބައެއްބާވަތުގެ އެހީތެރިކަމަކީ ފައިސާގެ ދަތިކަމާއި ހެދި ސަރުކާރަށް ފޯރުކޮށްދެވިފައި ނުވާކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އާޓިސްޓުންނަށް ބޭނުންވާ ވަސީލަތްތަށް ފޯރުކޮށްދެވިއްޖެ ނަމަ އެމީހުންނަށް ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި އެންމެ ރަނގަޅަށް ހިންގާ ވިޔަފާރި ކަމަށްވާ ފަތުރުވެރިކަމާއި އާޓިސްޓުންގެ މަސައްކަތް ގުޅުވާލަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގެސްޓްހައުސްގެ ވިޔަފާރި ކުރާ ރަށްރަށުގައި މުނިފޫހިފިލުވުމުގެ ވިޔަފާރި ކުރެވޭފަދަ ޕްރޮގްރާމް ތަކެއް ވެސް ރާވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި މިއުޒިޝަނުންނަށް އެމީހުންގެ މަސައްކަތްތަށް ފަސޭހަކަމާއި އެކު ކުރެވޭފަދަ ނިޒާމެއް ގާއިމް ކުރުމަށްޓަކައި މިއުޒިކް ސްޓޫޑިއޯތަށް ކޮޅަށް ޖަހާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.