މި މަހު 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ކެންޑިޑެސީ އިއުލާން ކުރީއްސުރެ މީޑިއަމްތަކުން، ހާއްސަކޮށް އިލެކްޓޯނިކް މީޑިއަމްތަކުން ކެންޑިޑޭޓުންނަށް އެއާޓައިމް ދިން ގޮތާ ބެހޭ ގޮތުންނާއި މީޑިއާގެ ދައުރާ ބެހޭ ގޮތުން ޔޫއެންޑީޕީ އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގުޅިގެން އިންތިހާބާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ރާއްޖޭގެ މީޑިއާތަކަށް އަމާޒު ކޮށްގެން މިއަދު ހަވީރު ޝީ ބިލްޑިންގެ ކޮންފެރެންސް ރޫމުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އޮންލައިން މީޑިއާތަކުންނާއި ޓީވީ ސްޓޭޝަންތަކުން މަންދޫބުން ބައިވެރިވެފައިވެ އެވެ.

މިއަދުގެ ބައްދަލުވުމުގައި އިންތިހާބުގެ ނަތީޖާ ގެނެސް ދިނުމުގައި މީޑިއާތަކަށް ދިމާވި ދަތިތަކާއި އިންތިހާބުގެ ނަތީޖާ ގެނެސް ދިނުމުގައި އެކި މީޑިއާތަކުން ތަފާތު އެކި ގޮތަށް ނަތީޖާ ގެނެސް ދެވުނު ސަބަބުތަކާ ގުޅޭ ގޮތުން ވެސް ބައިވެރިން މަޝްވަރާކުރި އެވެ.

އިންތިހާބުގެ ނަތީޖާ އެކި މީޑިއާތަކުން ތަފާތު އެކިގޮތަށް ގެނެސް ދެވުނު މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ބައިވެރިން ފާހަގަ ކުރީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ނަތީޖާ ފޯރުކޮށް ދިނުމަށް އެކަށީގެންވާ ނިޒާމެއް މީޑިއާތަކަށް ގާއިމުކޮށްފައި ނެތުން ކަމަށެވެ. އެހެން ކަމުން އިންތިހާބުގެ ދެވަނަ ބުރުގައި މީޑިއާތަކަށް އިންތިހާބުގެ ނަތީޖާ ފޯރުކޮށްދެވޭނެ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ގާއިމުކޮށްދޭން ޖެހޭ ކަމަށް ބައިވެރިން ފާހަގަ ކުރި އެވެ.

މިއަދުގެ ބައްދަލުމުގައި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކެމްޕޭން ކުރައްވަމުން ގެންދެވި އިރު މީޑިޢާތަކުން ކެމްޕޭނާ ގުޅޭ ގޮތުން ހަބަރުތަކާއި ޕްރޮގުރާމް ގެނެސް ދިން ގޮތާއި އަދި ކެންޑިޑޭޓުންނަށް މީޑިއާތަކުން ވަގުތު ދީފައިވާ ގޮތާ ބެހޭ ގޮތުން މަޝްވާ ކުރި އެވެ. އަދި ރިޔާސީ އިންތިހާބާ ގުޅިގެން ބައެއް މީޑިއާތަކުން އެންމެ އެކަށީގެންވާ ގޮތަށް ހަބަރާއި މައުލޫމާތު އަދި ޕްރޮގުރާމް ގެނެސް ދީފައި ނުވާ ކަމަށް ވެސް ބައްދަލުވުމުގެ ބައިވެރިންނާއި ބްރޯޑްކާސްޓިސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިން ބުނެފައި ވަނީ ބްރޯޑް ކާސްޓިން ކޮމިޝަނަށް އެންމެ އެދޭވޭ ގޮތެއްގައި މީޑިއާތައް މޮނީޓާ ނުކުރެވޭ ކަމަށާއި އެ ކޮމިޝަނަށް އެ ކޮމިޝަންގެ ގާނޫނީ ވާޖިބު އެންމެ ފުރިހަމަ އަށް އަދާ ނުކުރެވޭ ކަމަށެވެ.

ބައްދަލުވުމުގައި އިތުރަށް މަޝްވާ ކުރި ކަންތައްތަކުގެ ތެރޭގައި އިންތިހާބުގެ ދެވަނަ ބުރުގައި މީޑިއާތަކުން ތަފާތު ނަތީޖާތައް ގެނެސް ދިނުން ކުޑަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރި އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރަށް މީޑިއާތައް ތައްޔާރުވެފައިވާ ގޮތާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ. ހަމަ އެހެންމެ މީޑިއާތަކުން ހަބަރާއި މައުލޫމާތު ގެނެސް ދިނުމުގައި ނޫސްވެރިކަމުގެ ހަމަތަކާއި އުސޫލުތައް ގެން ގުޅުމުގެ މައްޗަށް ވެސް ބައިވެރިން ވަނީ ވާހަކަ ދައްކަވައިފަ އެވެ.