18 Sep 2013, 21:58
ނައިޖީރިޔާގެ ވެރިކަންކުރާ ޕީޕަލްސް ޑެމޮކްރަޓިކް ޕާޓީގެ ފެކްޝަނެއްގައި ހިމެނޭ މެމްބަރުންތަކެއް ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަން އުޅުއްވުމުން، ގާނޫނު ހަދާ މަޖިލީހުގައި މާރާމާރީ ހިންގައިފި އެވެ.
ބީބީސީ އިން ބުނީ ހަތް ހަފުތާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ފެށި ދުވަހު މި ހާދިސާ ހިނގާފައި ވަނީ ނައިޖީރިޔާގެ ރައީސް ގުޑްލަކް ޖޮނަތަންއާ ދެކޮޅު ވެފައިވާ ޕީޑީޕީގެ ފެކްޝަންގެ މެމްބަރުންތަކެއް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަން އުޅުމުން، ރައީސް ޖޮނަތަންއަށް ވަފާތެރި ޕީޑީޕީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަޑުގަދަކޮށް، މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން ނެވެ.
އަދި މި ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި މާރާމާރީތަކެއް ހިންގާފައިވާ ކަމަށް ބީބީސީއިން ބުނެ އެވެ.
ބީބީސީ އިން ބުނީ 10 މިނެޓަށް މެމްބަރުންގެ މެދުގައި މާރާމާރީ ހިންގި ކަމަށެވެ.
މާރާމާރީގެ ވީޑިއޯ ފުޓޭޖްގެ އެއް މަންޒަރެއްގައި ފެންނަނީ މަޖިލީހުގެ އަންހެން މެމްބަރަކު އެހެން މެމްބަރެއްގެ މޫނަށް އިނގިލި ކޮއްޕާލާ މަންޒަރެވެ. އެހެން މަންޒަރެއްގައި ފެންނަނީ މެމްބަރަކު އިންނެވި ގޮނޑިން އެހެން މެމްބަރެއްގެ ގައިގާ ޖަހަން މަސައްކަތްކުރާ މަންޒަރެވެ.
ޕީޑީޕީގެ ތެރޭގައި ފެކްޝަންތަކެއް އުފެދިފައި ވަނީ ނައިޖީރިޔާގެ ރައީސް ގުޑްލަކް ޖޮނަތަން އިތުރު ދައުރަކަށް 2015 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމުގެ ނިޝާންތައް ފެންނަމުންދާތީވެ ކަމަށް އޭއެފްޕީ އިން ބުނެ އެވެ.
އޭއެފްޕީ އިން ބުނީ ރައީސް ޖޮނަތަން ކުރިމަތިލައްވާނެ ކަން ރަސްމީކޮށް އިއުލާންކުރައްވާފައި ނުވާ ނަމަވެސް، ޖޮނަތަންގެ އަނބިކަނބަލުންގެ އިތުރުން އެހެނިހެން ގާތް ބޭފުޅުން މިހާރު ޖޮނަތަންއަށް ކެމްޕެއިންކޮށްދޭން ފަށާފައިވާ ކަމަށެވެ.