ފުވަމުއްލަކުން: މުރުޝިދު އަބްދުލް ހަކީމް

ކައުންސިލްތައް ހިންގުމަށާއި އަތޮޅުގައި ހިމެނޭ ރަށްތަކުގެ އެކި މަސައްކަތް ތަކަށް ހާއްސަކޮށްގެން ކޮންމެ އަތޮޅެއްގައި ރިސޯޓެއް ހެދުމަށް ޕީޕީއެމްގެ ސަރުކާރެއްގައި ދޫކުރާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންފައިވާ އަބްދުﷲ ޔާމިން މިއަދު ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށްފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންމެ އަތޮޅެއްގައި ރިސޯޓެއް ތަރައްގީކޮށް ކޮންމެ ރިސޯޓަކުން ވެސް ލިބޭ ފައިދާއަކީ އެ ރިސޯޓް އޮތް އަތޮޅަކަށް ލިބިގެންދާ ފައިދާއަކަށް ހެދޭނެ ގޮތަށް ޕީޕީއެމްގެ ސަރުކާރެއްގައި ހަމަޖައްސާނެ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ދިމާލެއްގައި ކައުންސިލްތައް ބާރުގަދަ ކުރުމަށްޓަކައި، އަދި މާލީ ތަނަވަސްކަން އިތުރުކޮށްދިނުމަށް ޓަކައި، ހަމަ ކޮންމެ އަތޮޅެއްގައި ކައުންސިލްތައް ހިންގުމަށާއި އަދި އެ ރައްޔިތުންނަށް ފައިދާ ހޯދުމަށް ކޮންމެ އަތޮޅަކަށް އެއް ރިސޯޓް ދޫކުރާނެ. އެ އަތޮޅުގެ ތަރައްގީއަށް އެ ރިސޯޓެއްގެ މަންފާ އެ އަތޮޅުގެ މެންބަރުންގެ މެދުގައި ނުވަތަ ރައްޔިތުންގެ މެދުގައި ބެހިގެން އެ ބޭފުޅުން އެ ބޭނުންވާ ގޮތަކަށް އެ ފައިސާ ބޭނުން ކުރެވޭނެ، އަޅުގަނޑުމެން އިރާދަކުރެއްވިޔާ އެކަން ކުރާނަން،" ޔާމިން ވިދާޅުވި އެވެ.

އޭގެ އިތުރުން ޔާމީން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް އިތުރު ވަޒީފާތައް ހޯދައިދީ ޒުވާނުންގެ ފުދުންތެރިކަން އިތުރުކުރުމަށް ޕީޕީއެމްގެ ސަރުކާރެއްގައި އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެ މޭރުމުން ދެއްކެވި ވާހަކައިގައި ޔާމީން ވިދާޅުވީ ރިސޯޓްތަކުގެ ހިއްސާގެ ކޮންމެވެސް މިންވަރެއް އެ ރިސޯޓްތަކުގައި އުޅޭ ދިވެހި މުވައްޒަފުންނަށް ވިއްކަވައިފި ކަމުގައި ވަނީ ނަމަ ދިވެހި ޒުވާނުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ދިވެހި މުވައްޒަފުންނަށް ހިއްސާ ވިއްކާ ރިސޯޓްތަކަށް ސަރުކާރުން ހާއްސަ އިނާޔަތްތަކެއް ދޭނެ ކަމަށާއި އޭގެ ބޭނުމަކީ ދިވެހި ޒުވާނުންގެ ފުދުންތެރިކަން އިތުރު ކުރުން ކަމަށް ވެސް ޔާމީން ފާހަގަ ކުރެއްވެވި އެވެ.

"ރިސޯޓްތަކުގެ ހިއްސާގެ ކޮންމެވެސް މިންވަރެއް އެ ރިސޯޓްތަކުގެ ދިވެހި މުވައްޒަފުންނަށް އެ ރިސޯޓްތަކުގެ ވެރިފަރާތުން ވިއްކައިފިކަމުގައި ވާނަމަ ދިވެހި ޒުވާނުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ، އެހެން ކަމުގައި ވާނަމަ ސަރުކާރުން އެ ރިސޯޓެއް ހިންގާ ފަރާތްތަކަށް ދެވެން އޮތް އެންމެ މަތިވެރި އިނާޔަތްތައް އެ ފަރާތްތަކަށް އަރުވާނަން. އޭގެ މާނައަކީ ރިސޯޓް ދޫކޮށްފައިވާ މުއްދަތު ގާނޫނުގެ ތެރެއިން އިތުރުކޮށްދޭނަމޭ، އަދި އިނާޔަތް ސަރުކާރުގެ ފަރާތުން އިތުރުކޮށްދޭނަމޭ،" ޔާމިން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު އުފެދިފައިވާ މައްސަލަތަކާއި ބެހޭ ގޮތުން ޔާމިން ވިދާޅުވީ މިހާރު އުފެދެމުންދާ މައްސަލަތަކާއި ފެންމަތިވަމުންދާ ކަންކަމުގެ ސަބަބުން އިންތިހާބުގެ ކަންކަން ހިނގާދިޔަ ގޮތް އިތުރަށް ބަލަން ޖެހޭ ކަމަށެވެ. އަދި މިހާރު ދެކެވެމުންދާ ވާހަކަތަކަށް ބަލާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަކީ ސައްތައިން ސައްތަ ސައްހަ އެއްޗެއް ކަމަށް ބުނަން ފަސޭހަ ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ނަތީޖާ އިއުލާން ކުރެވިގެން ގޮސްފައި އަޅުގަނޑުމެނަށް މި ފެންނަނީ ބަދިގެ ތެރެއިން ވެސް ވޯޓް ކަރުދާސް، ސީލިންގުން ވެސް ވޯޓު ކަރުދާސް، ފާހަނާއިން ވެސް ވޯޓު ކަރުދާސް، ކުޅުދުއްފުށިން ވޯޓް ކަރުދާސް، ގައްދޫން ވޯޓު ކަރުދާސް، މިހާ ހިސާބަށް ދިޔައީމަ ސުވާލު އުފެދޭ ހިސާބަށްދޭ. މަރުވެފައި ތިބި މީހުން ލިސްޓްގައި ތިބުމާއި މަރުވެފައި ތިބި މީހުން އަލުން އައިސް ވޯޓުލުމާ، އެއް އައިޑީކާޑަށް ވުރެ ގިނަ އައިޑީކާޑު ހައްދައިގެން މީހުން ވޯޓުލުމާއި މި ކަހަލަ އެތައް މައްސަލަތަކެއް އެބަހުރި، ޔާމިން ވިދާޅުވި އެވެ.

ފުވައްމުލަކަށް ޔާމީން ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވަ އެވެ.