ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކޮށްފައިވާ ސަރަހައްދީ ބަނދަރުތަކަށް ސީދާ ރާއްޖެ އިން ބޭރުން  ބޯޓުފަހަރު އަންނަން ފެށުމުން އަތޮޅުތަކަށް އިގްތިސާދީ ގޮތުން އިތުރު ދިރުން ލިބިގެން އަންނާނެ ކަމަށް ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.


ކަސްޓަމްސްގެ 120 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ރޭ ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ ކަސްޓަމް އަކީ ވަރަށް ހިވާގި، މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ މުއައްސަސާއެއް ކަމަށާއި ކަސްޓަމްސްގެ މަސައްކަތް ފުޅާވަމުން އަންނަ ވަރަކަށް ރާއްޖޭގެ އިގްތިސޯދަށް އޭގެ ހެޔޮ އަސަރު ކުރަމުން އަންނާނެ ކަމަށެވެ.  


"ކަސްޓަމްސް އަކީ ވަރަށް މުހިންމު ހިދުމަތެއް ކޮށްދެމުން އަންނަ ބައެއް. ކަސްޓަމްސްގެ މަސައްކަތް ރާއްޖޭގެ އެކި ދިމަ ދިމާލުގައި މިހާރު ކުރިއަށް އެބަދޭ. އެގޮތުން ދާދި ފަހުން ކެބިނެޓުން ނިންމި ނިންމެވުމަކާ ގުޅިގެން ބޭރުން ރާއްޖެ އަންނަ ބޯޓުފަހަރު މާލޭގެ އިތުރުން އެހެން ދިމަ ދިމާލަށް ވެސް ގޮސް، ހާއްސަކޮށް އުތުރާއި ދެކުނުގެ އިންޓަނޭޝަނަލް ބަނދަރުތައް ގާއިމް ކުރެވުމުން ސީދާ އެތަންތަނަށް ބޭރުން އަންނަ ބޯޑު ފަހަރުގެ މުދާ ބޭލޭނެ ގޮތް ވަނީ ހަމަޖެހިފައި. އޭގެ ސަބަބުން އަތޮޅުތެރެއަށް، ހާއްސަކޮށް ބަނދަރުތައް ހެދިފައި ހުރި ދިމަދިމާލަށް އިގްތިސާދީ ގޮތުން އިތުރު ދިރުމެއް، ހަލުވިކަމެއް ލިބިގެން ދާނެ،" ނައިބް ރައީސް ވިދާޅުވި އެވެ.


ރާއްޖޭގެ "ބޯޑަރު" ހުރަސްކޮށް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާ ތަފާތު ބާވަތްތަކުގެ ތަކެތި ހުއްޓުވުމުގައި ކަސްޓަމްސް އިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށާއި ކަސްޓަމްސްގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރަން ޖެހިފާވާކަން ޑރ. ވަހީދު ފާހަގަ ކުރެއްވި އެވެ.


"އަޅުގަނޑަށް އެނގިފައި ވާތަނުގައި ރާއްޖެ އަށް އެތެރެވާ މަސްތުވާތަކެތީގެ ބާވަތްތައް ރާއްޖެ އެތެރެ ވިޔަ ނުދިނުމަށްޓަކައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކަސްޓަމްސް [އިން]. އެގޮތުން ރާއްޖެ އެތެރެވާ ބައެއް މަސްދުވާތަކެތީގެ އަދަދު ވަނީ މަދުކުރެވިފައި... އެހެނަސް އެބަހުރި އަޅުގަނޑުމެން ރަނގަޅުކުރަން ޖެހޭ ދާއިރާތަކާއި ކަންކަން. އަޅުގަނޑުމެނަށް ފެންނަ ތަނުގައި ކަސްޓަމްސްގެ ސާވިސް މިއަންނަނީ އަހަރަކަށް ވުރެ އަހަރެއް ރަނގަޅުވަމުން. މި ކަމުގައި އަޅުގަނޑުމެން ޓެކްނޮލޮޖީގެ ގޮތުންނާއި އެހެން ކަންކަމުން އެބަޖެހޭ ރަނގަޅުވާން،" ޑރ. ވަހީދު ވިދާޅުވި އެވެ.


ކަސްޓްމްސްގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، ރޭގެ ޖަލްސާގައި ނައިބު ރައީސް ވަނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.


އެ ޖަލްސާގައި ކަސްޓަމްސް ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓާ ސުޓޭޓް ފޯ ހޯމް އެފެއާޒް މުހަންމަދު އަސްވާން ވެސް ވާހަކަފުޅު ދެއްކެވި އެވެ. އަސްވާންގެ ވާހަކަ ފުޅުގައި ކަސްޓަމްސްގެ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަދި މިހާރު ރައްތިތުންގެ މަޖުލީހަށް ހުށަހެޅިފައިވާ ކަސްޓަމްސްގެ ގާނޫނާ ގުޅުން ހުރި ކަން ކަމަށް އަލިއަޅުވާ ލެއްވި އެވެ.


"ކަސްޓަމްސްގެ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި މިހާރު ވަނީ ސުޓްރެޓެޖީއެއް އެކުލަވާ ލެވިފައި. މި ސްޓުރެޓެޖީ އާ އެއްގޮތަށް އަމަލުކުރަން ފެށުނީމަ ކަސްޓަމްސްގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް އަންނާނެ،" އަސްވާން ވިދާޅުވި އެވެ. "ރައްޔިތުންގެ މަޖުލީހަށް މިހާރު ހުށަހެޅިފައިވާ ކަސްޓަމްސްގެ ގާނޫނަކީ ކަސްޓަމްސްގެ އިދާރީ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭ ގާނޫނެއް ނޫން. އަޅުގަނޑުމެން ވާނީ އެހެން ގާނޫނީ އިދާރާތަކާ އެކު އެއަށް އަމަލީ ސިފަ ގެންނަ ބަޔަކަށް. އޭގައި ހުންނާނެ ކަސްޓަމްސްގެ ސަރަހައްދާއި ޕޯޓުތައް ކަޑައެޅިފައި. އަޅުގަނޑުމެން އެތަން ތަން ބަލަމުން ގެންދާނީ،" އަސްވާން ވިދާޅުވި އެވެ.


ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި 65 އަހަރުވެ މުސްކުޅި ކުރައްވާފައިވާ ފަސް ބޭފުޅަކަށް، އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަދާނީ ފިލަޔާއި ސެޓްފިކެޓް  ދިނެވެ. އަދި ކަސްޓަމްސް އަށް ރީތި ނަން ހޯދައިދީފައިވާ މުވައްޒަފުންނަށް ވެސް ވަނީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަދާނީ ލިޔުން ދީފައިވެ އެވެ.


މޯލްޑިވްސް ކަސްޓަމްސް އަށް 120 އަހަރު ފުރިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.