21 Mar 2010, 16:51
19:00
ރާއްޖޭގެ މީޑިއާ އަށް ދިމާވެފައިވާ ދަތިތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން، އެމްޖޭއޭގެ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުން މިއަދު ކޮލަމްބޯ އަށް ހިނގައްޖެ އެވެ.
އެމްޖޭއޭގެ ވަފްދެއް ލަންކާއާށް ކުރާ ހަތަރު ދުވަހުގެ މި ދަތުރުގައި، މީޑިއާ އަށް ހުރި ގޮންޖެހުންތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ހުރަސްތަކާ ބެހޭ މައުލޫމާތު ސްރީލަންކާ އާއި ބޭރުގެ އެހެނިހެން ގައުމުތަކުގެ ޑިޕްލޮމެޓުންނަށާއި ނޫސްވެރިންނަށް ދީ، އެ ކަންކަން ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އެމްޖޭއޭ އިން ބުނެ އެވެ.
ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށް އެމްޖޭއޭ އިން ލަންކާއަށް ދަތުރެއް ފަށައިފައި މިވަނީ މީޑިއާގެ ބައެއް ފަރާތްތަކަށް މިދިޔަ ހަފްތާގައި ބަޔަކު ހަމަލާދީ، އެކަކު ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައި ވަނިކޮށެވެ. އަދި ސިޔާސީ މީހުން ތަކުރާރުކޮށް މީޑިއާ އަށް ބަހުގެ ހަމަލާތައް ދެމުންގެންދާ ދަނޑިވަޅެއްގަ އެވެ.
ކޮލަމްބޯ އަށް ފުރާވަޑައިގަތުމުގެ ކުރިން އެމްޖޭއޭގެ ރައީސް ހިރިގާ އަހުމަދު ޒާޙިރު ވިދާޅުވީ ދިވެހި ސަރުކާރުން މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުންދާއިރު ވެސް އެ މައްސަލަ އަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެކަށީގެންވާ ސަމާލުކަމެއް ލިބެމުންނުދާ ކަމަށެވެ. އަދި ރާއްޖެ އަށް އެހީދޭ ގައުމުތަކުން ވެސް އެ ކަމާ މެދު ފިޔަވަޅެއް އަޅާފައި ނުވާކަން ހިރިގާ ފާހަގަ ކުރެއްވި އެވެ. އެމްޖޭއޭގެ ދަތުރުގައި ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގެ ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.