ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް 2025 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ސިޔާސަތުތައް މިއަދު އާއްމުކޮށްފި އެވެ.

"މޯލްޑިވްސް އިކޮނޮމިކް ޑައިވާސިފިކޭޝަން ސްޓްރެޓެޖީ"ގެ ނަމުގައި މިއަދު އާއްމު ކުރި ރިޕޯޓަކީ، ރާއްޖޭގެ އިގުތުސާދު މިހާރަށް ވުރެ ހަރުދަނާކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް އެކުލަވާލި ތަސައްވުރެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނެރެދެއްވި ރިޕޯޓްގައި އިގުތިސާދު ފުޅާކުރުމަށް މައިގަނޑު 10 ދާއިރާއަކުން ކުރެވިދާނެ މަސައްކަތްތައް ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓް ނެރެދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ހުށައެޅީ ވަރަށް މުހިއްމު ސްޓްރެޓެޖީއެއް ކަމަށެވެ. އަދި ވިދާޅުވީ މިމަސައްކަތަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ މަސައްކަތެއް ކަމަށެވެ.

"ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް ޓަކައި މެދުފަންތީގެ އާމްދަނީ ލިބޭ ތަރައްގީވަމުން އަންނަ ގައުމެއްގެ ހައިސިއްޔަތުން ދަތުރުކުރަންވީ މިސްރާބާއި އަމާޒު ކަނޑައަޅާނެ ތަސައްވުރެއް އެކުލަވާލައި އެ ތަސައްވުރު ހާސިލުކުރުމަށް ޓަކައި ހުށައަޅާ ސްޓްރެޓެޖީތަކާ ސިޔާސަތުތައް އާއްމުންނާ ހަމައަށް ގެނެސްދޭނެ ވާހަކަ އަޅުގަނޑުވާނީ ދަންނަވާފައި،" ރައީސް ވަހީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑީވެލޮޕްމެންޓުން އެ މަސައްކަތް ވަރަށް ޒިންމާދާރު ގޮތެއްގައި ކޮށްދީފައިވާ ކަމަށެވެ.

ހަފުލާގައި ސިޔާސަތުތަކާ ބެހޭ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވަމުން އިކޮނޮމިކް މިނިސްޓަރް އަހުމަދު މުހައްމަދު ވިދާޅުވީ އިގުތިސާދީ ތަސައްވުރަކީ 2025 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ މުއްސަނދި ގައުމަކަށް ވުން ކަމަށެވެ.

"ދިވެހިރާއްޖޭގެ އިގުތިސާދީ ތަސައްވުރަކީ 2025 ވަނަ އަހަރު އަންނަ އިރު ދިވެހި ރާއްޖެއަކީ މުއްސަނދި ގައުމަކަށް ވުން. އަދި ދިވެހި އިގުތިސާދަކީ ފެންވަރާ ފަންވަރު ހުރި، އެންމެނަށް ފައިދާވާ، އެންމެނަށް ބައިވެރިވެވޭ އިގުތިސާދަކަށް ވުން،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

މިއަދު އާއްމުކުރި ރިޕޯޓްގައި އިގުތިސާދު ފުޅާ ކުރުމަށް ޓަކައި މައިގަނޑު 10 ދާއިރާއަކުން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށްފައިވެ އެވެ. އެދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމާއި މެރިކަލްޗާ އާއި އައިސީޓީއާއި ސިއްހީ އަދި ތައުލީމީ ދާއިރާ ހިމެނެ އެވެ.