18 Sep 2013, 18:23
ހައި ކޯޓުން އިއްޔެ ކުރި އަމުރުގައިވާ ގޮތަށް ވޯޓުލީ މީހުންގެ ލިސްޓު ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން "އިންކާރުކޮށްފައިވާ" ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ޗުއްޓީގައި ރާއްޖެއިން ބޭރުގައި އުޅުއްވާތީ ކަމަށް ބުނެ، "ބަހަނާ ދައްކައި" ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ލިސްޓު ދެއްކުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ޖޭޕީން ހައި ކޯޓުގައި ކުރި ދައުވާއަކާ ގުޅިގެން، ޝަރީއަތް ހިންގުމަށް ފަހު ކުރި ހުކުމްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގައި ވޯޓުލީ މީހުންގެ ލިސްޓް ބާއްވައިގެން ޖޫމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި އެ ކެންޑިޑޭޓް ކަނޑައަޅާ މަންދޫބުންނަށް ވޯޓުލީ މީހުންގެ ލިސްޓް ބެލުމުގެ ފުރުސަތު ދިނުމަށެވެ.
ނަމަވެސް މިއަދު ޖުމްހޫރީ ޕާޓީގެ ޓީމެއް ވޯޓުލީ މީހުންގެ ލިސްޓް ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް ދިއުމުން އެ ފުރުސަތު ދީފައިނުވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
"އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން މިފަދަ ދުވަސްވަރަކު ޗުއްޓީ ހައްދަވަން ރާއްޖެ އިން ބޭރުގައި ތިއްބެވި ކަމުގެ ބަހަނާ ދައްކަވާފައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ދިޔަ ޓީމަށް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވާ މީހުންގެ ލިސްޓު ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންކާރުކޮށްފައި" ޖޭޕީގެ ބަޔާނުގައިވެ އެވެ.
ޖުމްހޫރީ ޕާޓީން އިލެކްޝަންސްގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒު ހުސަނާއި ސެކަރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ކޮމިޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.