18 Sep 2013, 17:45
ފާއިތުވެ ދިޔަ އަހަރުތަކުގައި ރާއްޖޭގެ އިގުތިސާދު ވަނީ ވަރަށް ބޮޑުތަނުން ކުރި އަރާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ "މޯލްޑިވްސް އިކޮނޮމިކް ޑައިވާސިފިކޭޝަން ސްޓްރެޓެޖީ ރިޕޯޓް" އާއްމު ކުރުމަށް މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެ ރިޕޯޓް ނެރެދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އިގުތިސާދީ ގޮތުން ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ ރާއްޖޭގެ މަސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށް، ވަޒީފާ އަދާކުރި މީހުންގެ މަސައްކަތް ކަމަށެވެ.
"1980 ވަނަ އަހަރު މީހެއްގެ ބޮލަކަށް އެންމެ 270 ޑޮލަރު ލިބުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ 6000 ޔޫއެސް ޑޮލަރަށް ވުރެ މަތިވެފައި. މިހާތަނަށް އަޅުގަނޑުމެން ހޯދި ކާމިޔާބީ އަސްލަކީ ދިވެހި މަސްވެރިންނާ ފަތުވެރިކަމުގެ ދާއިރާގައި އިސްވެސްޓްކޮށް، ވަޒީފާ އަދާކުރަމުންދާ މީހުންގެ މުރާލިކަމާ މިންނެތް މަސައްކަތް،" ރައީސް ވިދާޅުވި އެވެ.
އެ ކާމިޔާބީ ހޯދުނީ އަމިއްލަ ވިޔަފާރިވެރިންގެ އަޑު އަހައި، އިންވެސްޓްމެންޓަށް ފަހި މާހައުލެއް ގާއިމްކޮށް، ސަރުކާރުގެ ދައުރު ސަރުކާން އަދާކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިކާމިޔާބީ ހޯދުނީ އަމިއްލަ ވިޔަފާރިވެރިންގެ އަޑު ސަރުކާރުން އަހައި، ދިވެހި އިގުތިސާދު ކުރިއަރުވައި، ވިޔަފާރި އާއި އިންވެސްޓްމެންޓަށް ފަހި މާހައުލެއް ގައުމުގައި ގާއިމްކޮށްގެން، ސަރުކާރުގެ ދައުރު ސަރުކާރުން އަދާކުރީމައި،" ރައީސް ވިދާޅުވި އެވެ.