18 Sep 2013, 17:41
ރާއްޖެއިން ހައްޖާޖީން ގޮވައިގެން ގައުމީ އެއާލައިން، މޯލްޑިއަނުން، ސައުދީ އަރަބިއްޔާއަށް ފުރަތަމަ ފަހަރަށް އުނދުހެން ފަށައިފި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ހާރިޝް "ސަން"އަށް މިއަދު ވިދާޅުވީ މޯލްޑިވިއަންގެ ފުރަތަމަ ދަތުރު މިއަދު ސައުދީއަށް ފަށާފައިވާއިރު ހައްޖު މޫސުމުގައި ހަ ދަތުރެއް ސައުދީ އާއި ރާއްޖެއާ ދެމެދު ކުރާނެ ކަމަށެވެ.
ރާއްޖޭގެ ހައްޖާޖީން ގޮވައިގެން މިއަދާއި މާދަމާގެ އިތުރުން މިމަހުގެ 22ގައި ސައުދީއަށް މޯލްޑިވިއަންގެ ދަތުރުތައް ކުރާއިރު ހައްޖުގެ އަޅުކަން ނިންމުމުން މީހުން ގޮވައިގެން އަންނަ މަހުގެ 23 އާއި 25 އާއި 26 ގައި ރާއްޖެއަށް އައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން ބުނީ ގައުމީ އެއާލައިނުން ސީދާ ސައުދީއަށް ދެވޭނެގޮތް މަގުފަހުވުމުން އެ ކަމާއި އުފާކުރާ ކަމަށާއި އަދި އެއީ ހައްޖަށްދާ މީހުނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި މޯލްޑިވިއަންގެ މެދުވެރިކޮށް 650 މީހުން ރާއްޖެއިން ހައްޖަށް ދާނެ ކަމަށް އެ ކުންފުނިތަކުން ބުންޏެވެ.
މޯލްޑިވިއަންއިން މީހުން ހައްޖަށް ގެންދިއުމުގައި ބޭނުން ކުރަނީ މޯލްޑިވިއަނުން އަލަށް ގެނައި ބޮޑު ބޯޓް އޭ320 އެވެ. އެ ބޯޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ.