18 Sep 2013, 17:35
މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ އެކަން ސާބިތުކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހެޅި ހެއްކާއި ގަރީނާ ތަކުގެ ސައްޚަކަން ކަށަވަރު ކުރެވޭނީ އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުތަކެއް ލިބިގެން ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނާއިބް އާޒިމާ އެގޮތަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލް ކޮށް އަލުން އިންތިޚާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
އެ މައްސަލައިގައި ވަކާލާތު ކުރައްވަމުން އާޒިމާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިއްޔެގެ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ވޯޓުލީ މީހުންގެ ލިސްޓުގައި އުމުރުން 18 އަހަރު ނުފުރޭ މީހުންގެ އުފަން ތާރީޚު ބަދަލުކޮށް 18 އަހަރު ފުރުނުކަމަށް ހަދާފައިވާ ކަމަށެވެ. ނަމަވެސް އެ ލިސްޓު އިލެކްޝަނުން ހުށަހެޅީ އެފަދަކަމެއް ކޮށްފައިނުވާކަން ސާބިތުކުރުމަށް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އެއްއައިޑީކާޑު ނަންބަރެއްގައި ދެ މީހެއްގެ ނަން ވެސް ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައިވާއިރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ދޫނުކުރާ އައިޑީކާޑު ނަންބަރު ތަކެއް ވެސް ވޯޓުލާ މީހުންގެ ލިސްޓުގައި ހިމެނިފައިވާ ކަމަށެވެ.
ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެފަދަ ކަންކަން ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަންކަން ހައްލުނުކޮށް ދެވަނަ ބުރަށް ދިޔުމަކީ ގާނޫނީ ހައްގެއް ގެއްލޭނެ ކަމެއް ކަމަށެވެ.
އާޒިމާ ވިދާޅުވީ އިންތިޚާބު ލަސްކުރާކަށް ވެސް އަދި އިންތިޚާބު އަލުން ބާއްވާކަށް ވެސް ދައުލަތުގެ އިންޓްރެސްޓެއް ނެތްކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަކީ ދައުލަތުގެ މުއައްސަސާއަކަށް ވާއިރު އަމިއްލައަށް ކަންކަން ދިފާއު ކުރުމުގެ ބަދަލުގައި އެތަނުގެ ޒިންމާ އަކަށް ވާންވާނީ ގާނޫނާ ޚިލާފަށް އެތަނުން ކޮށްފައިވާ ކަމަށް އާންމުން ތުހުމަތު ކުރާ ކަންތައްތަކަށް އެކަށީގެންވާ ޖަވާބެއް ދިނުން ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އެ މައްސަލައިގެ ތެރެއަށް ތަދައްޙުލްވެފައިވާ ޕީޕީއެމްގެ ވަކީލު އަހްމަދު ޒަނީން އާދަމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަކީ ސައްޚަކަމާ އެކު ބޭއްވުނު އިންތިޚާބެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ކުޅުދުއްފުށީގައި ވޯޓު ކަރުދާސް ޕްރިންޓް ކުރި މީހުންނަށް އޭގެ ސޮފްޓް ކޮޕީ ލިބުނީ ކިހިނަކުންތޯ ސުވާލު އުފެދޭ ކަމަށް ވެސް ޒަނީން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ވަކާލާތު ކުރައްވަމުން ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ ކޯޓަށް ހުށަހަޅާފައިވާ މައުލޫމާތުތައް ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ އެ ޕާޓީން ގާއިމްކޮށްފައިވާ ހޮޓްލައިންގެ އެހީގައި ކަމަށެވެ.
ޖުމްހޫރީ ޕާޓީން ހޯދާފައިވާ މައުލޫމާތު ތަކަކީ ސައްޚައެއްޗެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަކާލާތު ކުރެއްވި ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ މައުލޫމާތުތައް ފޯރުކޮށް ދުނީ މައުލޫމާތުގެ ސައްޚަ ކަމާ މެދު އިލެކްޝަންސް ކޮމިޝަނުން ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ބީޕީއާރްއެސް ސިސްޓަމަކީ އިންޑިއާގެ ބަޔަކު ގެނެސްގެން ގާއިމް ކުރި ސިސްޓަމެއް ކަމަށާއި އެ ސިސްޓަމް ގާއިމް ކުރި އިރު ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީ ހޯދާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ސިސްޓަމްގައި މައްސަލަ ހުރި ކަމަށް ބަންޑާރަ ނާއިބް ވިދާޅުވެފައިވާ ކަމަށެވެ.
އިންތިޚާބު ފެށެން ކާއިރިވެފައި ވަނިކޮށް އެކަކަށް ދެ ފަހަރު ވޯޓު ލެވޭގޮތް ތަނަވަސްކޮށް އިލެކްޝަންސް ކޮމިޝަނުން ސިއްރު ސާކިއުލާއެއް ނެރެފައިވާ ކަމަށް ވެސް ހަސަން ސައީދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ ކަންކަން ސާބިތު ކުރުމަށް ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ. އަދި އެ މީހުން ޝަރީއަތަށް ހާޒިރުކޮށް ސިރުން ހެކިބަސް ނަގައިދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވީ ހެކީންގެ ހެކިބަސް ސިއްރުން ނަގައިދިނުމަށް އެދިފައި ވަނީ އެމީހުންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އެގޮތަށް އެދިވަޑައިގަތް ސަބަބު ތަފްސީލްކޮށްދެއްވަމުން ހަސަން ސައީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އިލްހާމް އަހްމަދުގެ ސައިކަލް ޕާކްކޮށްފައި ހުރި ޒޯންކަމަށް ހީކޮށް ލޮނުޒިޔާރަތްމަގު ޕާމްޑެކް ރެސްޓޯރަންޓް ކުރިމަތީގައި ހުރި ޕާކިން ޒޯންގައި ހުރި ސައިކަލްތަކުގައި ހުޅުޖަހައި އަންދާލާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނުގެ ބައެއް މާއްދާތަކަށް ބެލުމުން މިހާރު ޝަރީއަތަށް ހުށަހެޅިފައިވާ ކަންކަމަށް ބަލާއިރު މުޅި އިންތިޚާބު ބާތިލް ކުރަން ނުޖެހޭކަން އެނގޭ ކަމަށެވެ.
އޭނާ ވިދާޅުވީ ވަގު ވޯޓު ލިކަން ސާބިތުކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހެޅި ލިސްޓުގައި އޮތް މީހެއްގެ ނަމަށް ބަލާއިރު ފުރަތަމަ ބުރުގެ ވޯޓު ލިއިރުވެސް އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށެވެ.
ވޯޓުލުމުގައި އުސޫލުތަކާ ޚިލާފަށް ހިންގާފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނާ ކަންތައް އެގޮތަށް ހިނގާފައިނުވާކަން ސާބިތު ކޮށްދިނުމަށް ބޭނުންވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެގޮތުން ޝަރީއަތުން ހުއްދަ ދީފިނަމަ 470 ވޯޓު ފޮށީގެ ކަންތައް ބެލެހެއްޓުމަށް ތިބި މީހުން ހެކީންގެ ގޮތުގައި ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ބީޕީއާރްއެސް ސިސްޓަމަކީ އިންޑިއާގެ ބަޔަކު ގެނެސްގެން ގާއިމް ކުރި ސިސްޓަމެއް ކަމަށް ވިދާޅުވެ ހަސަން ސައީދު ދެއްކެވި ވާހަކަތަށް ސުއޫދު ވަނީ ދޮގު ކުރައްވާފަ އެވެ.
އިންތިޚާބު ފެށެން ކާއިރިވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ނެރުނު ސިއްރު ސާކިއުލާ އަކީ މިފަހަރު އެކަނި ނެރުނު ސާކިއުލާއެއް ނޫންކަމަށާއި ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް އެފަދަ ސާކިއުލާތައް ނެރޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ ސާކިއުލާގައި އެކަކަށް ދެ ފަހަރު ވޯޓު ލެވޭގޮތް ތަނަވަސްކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގެ ތެރެއަށް ތަދައްޙުލްވެފައިވާ އެމްޑީޕީގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ތަދައްޙުލްވެފައިވާ ފަރާތެއްގެ ހައިސިއްޔަތުން ދައުވާގައި އެދިފައި ނުވާކަމަކަށް ބަންޑާރަ ނާއިބަށް ކޯޓުގައި އެދިވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި ޖޫމްހޫރީ ޕާޓީއަށް ވެސް ދައުވާގައި އެދިފައިވާ ކަންތައް ފިޔަވައި އިތުރު ކަމަކަށް ނޭދެވޭނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
އޭނާ އެގޮތަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ހިނގާފައިވާ ގާނޫނާ ޚިލާފު ކަންކަން ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރެއް ނެރުމަށް ބަންޑާރަ ނާއިބް އެދިވަޑައިގެންފައި ވާތީ އެވެ.
އިންތިޚާބުގައި ހިނގާފައިވާ ގާނޫނާ ޚިލާފުކަންތައް ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުމަށް ޖުމްހޫރީ ޕާޓީން ވެސް މިއަދު ވަނީ އެދިފަ އެވެ.
ތިން ގަޑިއިރަށް ދިގުދެމިގެން ދިޔަ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.