18 Sep 2013, 17:16
މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅިގެން އުފެދުނު ހަމަނުޖެހުންތަކަށް މަޖިލީހުން ހައްލެއް ގެނެވޭނެ ކަމަށް ގަބޫލުފުޅު ނުރައްކާވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓް އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދަތުރުފުޅެއްގައި ފުވައްމުލަކަށް ވަޑައިގެން ނޫސްވެރިނާ ބައްދަލު ކުރައްވައި ޔާމިން ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަކީ އެ ޕާޓީން އެއްވެސް ވަރަކަށް ކަންބޮޑުވާ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އިންތިހާބާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް މަޖިލީހުން ހައްލުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަކީ އެ ކަމުގައި އަޅުގަނޑުމެންގެ މައްސަލަ އެއް އޮތް ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެން ދަންނަވާލަން މިއުޅެނީ އިންތިހާބާއި ގުޅިގެން އުފެއްދިގެން އުޅޭ މައްސަލަތައް މަޖިލީހަކުން ހައްލެއް ނުކުރެވޭނެއޭ،" ބަންޑާރަ ކުޅި ކުރިމަތީ ހުންނަވާ މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ޔާމިން ވިދާޅުވި އެވެ.
އިންތިހާބާއި ގުޅިގެން އުފެއްދިފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ބޭ އިންސާފް ކަންތައްތަކެއް އުޅޭނަމަ އެކަންކަން ކަމަށް ޔާމިން ވިދާޅުވި އެވެ.
"އިންތިހާބާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރެވޭނީ ބޭއިންސާފުން ކަންތައްތަކެއް އުޅޭނަމަ އެކަންކަން ތަހްގީގުކޮށް ޝަރުއީ މަރުހަލާއަށް ފޮނުވައިގެން. ސްޕްރީމް ކޯޓުން އެއަށް ގޮތެއް ނިންމާނީ ދެއްތޯ. އެއަކަށް މަޖިލީހަކުން ގޮތެއް ނުނިންމޭނެ،" ޔާމިން ވިދާޅުވި އެވެ.
މި ވަގުތު މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް ހާއްސަ ޖަލްސާއެއް ބާއްވާނަމަ އެ ޖަލްސާގައި ޕީޕީއެމުން ވެސް ބައިވެރިވާނެ ކަމަށާއި ނަމަވެސް ހަފްތާއަކު ތިން ދުވަހު މަޖިލިސް ބާއްވާ އުސޫލުން މި ވަގުތު ޖަލްސާއެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޔާމިން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަވަހަށް ފެށުމަށް އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ސިޓީއެއް ފޮނުވާފަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެފައި ވަނީ މި މަހު އޮތް އިންތިހާބަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ދަނީ ޑިމޮކުރެކްޓިކް އުސޫލުތަކާ ހިލާފަށް ކަމަށާއި އެހެން ކަމާއި އެކަން ކަމަށް ހަލެއް ހޯދުމަށް ޖަލްސާ ބާއްވަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައި ކުޅަ އެއްބައި މެންބަރުން ސޮއި ބޭނުންވެ އެވެ. މަޖިލީހުގެ ތިންބައި ކުޅަ އެއްބައި މެންބަރުންނަކީ 26 މެންބަރުނެވެ. އެ މެންބަރުން ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސަށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވަންޖެހޭނެ ކަމަށާއި 14 ދުވަސް ވެސް ގުނާނީ ބަންދު ދުވަސް ހިމަނައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.