ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ދިރިއުޅުއްވާ ގެއިން އިންސާނެއްގެ ސޫރަ ކުރަހާފައިވާ "ސިހުރު ކިހާކެއް" ފެނިއްޖެ އެވެ.

ސިހުރު ހަދާފައި އޮތް "ނުލުރުކު ކިހާކެއް" ފެނުނީ މަހުލޫފު ދިރިއުޅުއްވާ ގ. ހާފްސީގޭގެ ސިޑި ގޮޅި، ކައިރީ ވަޅުލާފައި އޮއްވަ އެވެ. އެ ކިހާކުގައި އިންސާނެއްގެ ސޫރަ ކުރަހައި، ބޮލަށް މޮހެރެއް ޖަހާފައިވެ އެވެ. އަދި ކުކުޅު ކަށިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ވެސް އެ ތަނުގައި ވަޅުލާފައި އޮއްވާ ފެނިފައިވެ އެވެ.
http://www.sun.mv/albums/l_20164.jpg
އެ އެއްޗެހި ވަޅުލާފައި އޮއްވާ ފެނުނީ މަހުލޫފު ގޭގައި ދިރިއުޅޭ އޭނާގެ އާއިލާގެ ބަޔަކަށެވެ. ނަމަވެސް އެ ތަނުގައި އެއްޗެއް ވަޅުލާފައި އޮތްކަން އެނގުނީ ކިހިނެތް ކަމެއް އެނގިފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން މަހުލޫފުގެ އާއިލާއިން މީޑިއާއަށް އެއްވެސް އެއްޗެއް ބުނަން ބޭނުމެއްނުވެ އެވެ.

މަހުލޫފު ގެއިން ފެނުނު ސިހުރު ކިހާކުގެ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެ އެއްޗެހިތަށް އެގެއިން ފެނުމުން ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ފޮޓޯނަގައި، އެ ތަކެތި ފުލުސް އޮފީހަށް ގެންގޮސްފަ އެވެ.
http://www.sun.mv/albums/l_20162.jpg
މަހުލޫފުގެ ގެއިން ސިހުރު ކިހާކެއް މިއަދު ފެނިފައި ވަނީ އޭނާ އެމްޑީޕީއާ ގުޅެން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ. މިދިޔަ ޖޫން މަހު ވެސް އޭނާ އެމްޑީޕީއަށް ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެނެވެ. ނަމަވެސް އެމްޑީޕީއާ ގުޅެން އުޅޭ ވާހަކަތައް އެފަހަރު އޭނާ ވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް މީޑިޔާއާ ގާތް ގުޅުމެއް ބާއްވާ މަހުލޫފު ވަނީ މިފަހަރު އެ ވާހަކަތަކަށް "ބީރު ކަންފަތެއް" ދީފަ އެވެ.

މަހުލޫފު ގެއިން މިއަދު ސިހުރު ކިހާކެއް ފެނުނުއިރު، ކ. ގުރައިދޫ ސްކޫލް ދޮރު ކުރިމަތީގައި ވަޅުލާފައި އޮތް "ސިހުރު ކިހާކެއް" މިމަހުގެ ތިންވަނަ ދުވަހު ވަނީ ފެނިފަ އެވެ. އެ ކިހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.