18 Sep 2013, 16:11
ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނަކަށް އިންޓަރެސްޓާ އެކު ދައްކަން ޖެހޭ 4.2 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މ.އަރާރޫޓް ވިލާ ތަލްހަތު އިބްރާހިމްކަލޭފާނާއި ހަމައެގޭ މުހައްމަދު ހަބީބް އިބްރާހިމް ކަލޭފާނާއި އެގޭ އަހުމަދު ހާޝިމް އަދި މ. ހިތިލާގޭ އަބްދުﷲ ޝާހު އިބްރާހިމް ކަލޭފާނުގެ އެދުމަކަށް 14 ޖޫން 2006 ގައި ބޭންކް އޮފް މޯލްޑިވްސް އިން ތަލްހަތަށާއި ހާޝިމަށް ދޫކޮށްފައިވާ 6.6 މިލިއަން ރުފިޔާގެ ޑިމާންޑް ލޯނެއް ބޭންކުން ދޫކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ލޯންގެ ފައިސާ އެއްބަސްވުމާ އެގޮތަށް ދައްކަމުން ގޮސްފައިނުވާ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ލޯނުގެ ގެރެންޓީއެއްގެ ގޮތުގައި މ.އަރާރޫޓުވިލާގެ އިމާރާތާއި ނޫއުފުލޭ މުދާ ރަހުނުކޮށްފައިވާ ކަމަށާއި އެއްބަސްވުމާ އެއްގޮތަށް އެ ލޯނު ދައްކާފައިނުވާތީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެ ލޯނުގެ ފައިސާގެ ތެރެއިން ނުދައްކާ އޮތް 4،255،831.80 ރުފިޔާ ނުދައްކާ އޮތްކަން ޝަރީއަތަށް ސާބިތުވާ ކަމަށާއި އެފައިސާ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އެ ލޯނަށް އެދުނު ހަތަރު މީހުންގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.
ހުކުމްގައި ކަނޑައާޅާފައިވާ މުުއްދަތުގެ ތެރޭގައި އެފައިސާ ނުދައްކައިފިނަމަ ލޯނު ނެގުމަށް ރަހުނުކޮށްފައިވާ މ.އަރާރޫޓު ވިލާއާއި އެ ގޯތީގައިވާ ނުއުފުލޭ މުދާ ވިއްކާލުމުގެ ހުއްދަ ވެސް ބޭންކް އޮފް މޯލްޑިވްސްއަށް އެހުކުމުގައި ވަނީ ދީފަ އެވެ.