18 Sep 2013, 16:07
އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޮލީބޯލް އެސޯސިއޭޝަން ކަޕާއި ގައުމީ ވޮލީ ލީގު ފުރަތަމަ ޑިވިޝަނަށް ޕޮލިސް ކުލަބުގެ ވޮލީ ޓީމްތައް ފަރިތަކުރުންތައް ފަށައިފި އެވެ.
ޕޮލިސް މީޑިއާއިން ބުނީ، އެ ދެމުބާރާތައް ތައްޔާރު ވުމުގެ ގޮތުން އަންހެން ޓީމާއި ފިރިހެން ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި މިއަހަރަށް އެކުލަވާލާފައިވާ ޕޮލިސް ކުލަބުގެ ފިރިހެން ވޮލީ ޓީމްގައި މިދިޔަ އަހަރު ޕޮލިސް ކުލަބުން ފެނިގެންދިޔަ ހަތަރު ކުޅުންތެރިން ފިޔަވައި މުޅިންވެސް އައު ކުޅުންތެރިން ފަރިތަކުރުން ތަކުގައި ބައިވެރިވާކަމަށް ޕޮލިސް މީޑިއާއިން މައުލޫމާތު ދެއެވެ.
ޕޮލިސް ކުލަބުގެ މިފަހަރު ޓީމާ އަލަށް ގުޅުނު މުހިއްމު ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމްގެ ހުޒާމް އާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެއްކަމަށްވާ ނިޒާރު އާއި އަލީ އާމިރު އާއި ހުޒާމްގެ ކޮއްކޮ ނިލާމް އާއި އިސްމާއީލްގެ އިތުރުން ރިސޯޓް ވޮލީބޯލް މުބާރާތުން ރީތިރަށް ރިސޯޓުން ފެނިގެންދިޔަ ހުސައިން ޔޫސުފް ހިމެނެ އެވެ. މިކުޅުންތެރިންގެ އިތުރުން ދެން މި ޓީމްގައި ހިމެނެނީ މިއަހަރު ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ޔޫތް ޗެލެންޖްގެ 21 އަހަރުން ދަށުގައި ވާދަކުރި ޕޮލިސް ކުލަބުގެ ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ. މިއަހަރަށް އެކުލަވާލި ޓީމްގައި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވާނީ ނިޒާރު އެވެ.
ޕޮލިސް ކުލަބުގެ ފިރިހެން ވޮލީޓީމް ބަދަލުތަކާއެކު ނުކުންނައިރު މިއަހަރު އެސޯސިއޭޝަން ކަޕްގައި ވާދަކުރާ ޕޮލިސް ކުލަބުގެ އަންހެން ވޮލީޓީމަށްވެސް ވަނީ ބޮޑެތި ބަދަތަކެއް އައިސްފަ އެވެ.
މިއަހަރަށް އެކުލަވައިލި ޓީމްގައި މުޅިންވެސް ހިމެނެނީ މިއަހަރުގެ ޔޫތު ޗެލެންޖްގައި ވާދަކުރި އަންހެން ޓީމްގައި ހިމެނޭ ކުންތެރިންނެވެ. އަދި އަންހެން ޓީމުގެ ކޯޗެއްގެ ގޮތުން ހަރަކާތްތެރިވާނީ މިއަހަރު ވޮލީބޯލް އެސޯސިއޭޝަނުން ބޭއްވި ޔޫތު ޗެލެންޖްގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބަށް ހޯދައިދިން ކޯޗު މައޫމޫރު މުހައްމަދު އެވެ.