ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް އެމްޑީޕީން އަވަހަށް މަޖިލިސް ފެށުމަށް ހުށަހަޅާފައިވާ ހެށަހެޅުމަށް ޑީއާރްޕީން ތާއިދު ކުރާ ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްޜޫޕުން ރައްޔިތުންގެ މަޖިލިސްވީ އެންމެ އަވަހަކަށް ފެށުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއިދު ކުރައްވައި މަޖިލީހުގެ އިދާރާ ކުރިމަތީގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ އެ ޕާޓީން އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއިދު ކުރަން ޖެހުނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ މެދު ބަޔަކު މީހުން "އެއްވެސް ހެއްކެއް ނެތި" ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ގައުމުގެ ހަމަޖެހުމާ އަމާން ކަމަށްޓަކައި ރައްޔިތުންގެ މަޖިލިސް އަވަހަށް ފަށައި އެކަންތައްތައް ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ކޮމެޓީތަކުން ބެލުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށް ތަސްމީން ވިދާޅުވި އެވެ.

"އެމްޑީޕީން ރައްޔިތުންގެ މަޖިލިސް އަވަހަށް ފެށުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އަޅުގަނޑުމެން ޑިއާރްޕީން ތާއިދު ކުރަން. އޭގެ ސަބަބަކީ މި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ބެހޭ ގޮތުން އެއްވެސް ކަހަލަ ހެއްކެއް ނެތް ނަމަވެސް އެ އިންތިހާބުގެ ސައްޙަކަމާ މެދު ސުވާލު އުފައްދައި، ބަޔަކު ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. މި ގޮތުން ކުރާ މަސައްކަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ނަގާލުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަދޭ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެންޑޯސްކުރައްވާފައިވާ ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަކީ އެއްވެސް ހިގާގަތެއް އޭގައި އެކުލެވިގެންވާ ވާހަކަތަކެއް ނޫންކަމަށް ހައިކޯޓުން ކުރި ހުކުމް ވެސް ވެސް ހާމަވެގެން ގަސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ އަކީ ކޯޓުތަކުން ނިންމާ ނިންމުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ވޯޓުން ނިންމާ ނިންމުއް ކަމަށެވެ. އެހެން ކަމުން ކޯޓަކުން ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޑިއާރްޕީން އެމްޑީޕީ އަށް ތާއިދު ކުރި ކުރުމަށް ދެކޮޅު ހަދާފައި ވަނީ ޕާޓީގެ ތެރެއިން ވަރަށް މަދު ބައެއް ކަމަށެވެ. އަދި އެ މެންބަރުންނާ މެދު ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ ޕާޓީގެ އަސާސީ ގަވާއިދު ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.