ކުޑަ ކުދިންނަށް އޮތް ރައްކާތެރިކަން މުޖުތަމައުގައި ކުޑަވެ ކުޑަ ކުދިންނަށް ލިބޭ އަނިޔާތައް އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ ފަދަ ދަރަޖައަކަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވިސް (އެޗްއާރުސީއެމް)ގެ ރައީސް ވިދާޅުވެއްޖެ އެވެ.


ބައިނަލްއަޤުވާމީ ގޮތުން ކުޑަ ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމް އިން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް މަރިޔަމް އަޒުރާ އަހުމަދު ވިދާޅުވީ ކުޑަ ކުދިންނަށް އަނިޔާކޮށްގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގެ ފަހަތުގައި ކޮންމެވެސް ފަރާތެއްގެ އިހުމާލެއް ވާކަން ޤަބޫލުކުރައްވާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ތަފާސްހިސާބުތަކުން ވެސް އެކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވި އެވެ.


"ކުޑަކުދިންނަށް އޮތް ރައްކާތެރިކަން މުޖުތަމައުގައި ކުޑަވެ އެ ކުދިންނަށް ލިބޭ އަނިޔާތައް އިތުރުވަމުން ދަނީ އަޅުގަނޑުމެން ކަންބޮޑުވާހާ ދަރަޖައަކަށްކަން އެންމެން ވެސް ގަބޫލުކުރޭ. ކުޑަ ކުދިންނަށް އަނިޔާކޮށްގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގެ ފަހަތުގައި ކޮންމެވެސް ފަރާތެއްގެ އިހުމާލެއް ވާކަން އަޅުގަނޑުމެން ގަބޫލުކުރަން،" އަޒުރާ ވިދާޅުވި އެވެ.


ކުޑަ ކުދިންނަށް ކުރާ އަނިޔާތަކާއި އެ ކުދިންނާ މެދުގައި ވެވޭ "އިހުމާލާ" ވަރަށް ވެސް ބޮޑު ގުޅުމެއް އެބައޮތް ކަމަށާއި އެކަމާ މެދު މީހުން ހޭލުން ތެރިކަން އިތުރުކޮށް، ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.


ރޭ ބޭއްވި ޖަލްސާގައި "އިހުމާލު" ކެންޕޭނުގެ ނަމުގައި އެޗްއާރުސީއެމްގެ ރައީސް ވަނީ އެއް އަހަރު ދުވަހުގެ ކެންޕޭނެއް އިފްތިދާހު ކޮށްދެއްވައިފަ އެވެ. މި އަހަރުގެ ޝިއާރަކީ "ކޮންމެ އިހުމާލަކީ އަނިޔާއެއް" މި އެވެ.  


ކެންޕޭނުގައި ކުޑަކުދިންނާ މެދުވާ އިހުމާލާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެކަމާ ގުޅޭ ތީމް ލަވައެއް ވެސް ރޭ އިފްތިދާހުކޮށްފައިވެ އެވެ.


އެޗްއާރު ސީއެމުން ބުނާ ގޮތުގައި އައިޖީއެމްއެޗްގެ ފެމެލީ ޕްރޮޓެކްޝަން ޔުނިޓް (އެފްޕީޔޫ) އަށް ރިޕޯޓުކުރެވޭ މައްސަލަތަކުގެ ތެރެއިން 61 ޕަސަންޓަކީ ކުޑަކުދިންނަށް ތަފާތު ގޯނާތައް ކޮށްގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ. އޭގެ ތެރެއިން ވެސް ގިނައީ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ރިޕޯޓު ކުރެވޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.