ޝެއިހް އާދަމް ޝަމީމް އިބްރާހިމް ރޭ ދެއްވި "އަންދަލުސް" ދަރުހަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ދެކޮޅަށް ދެއްވި ދަރުހެއް ކަމަށް ބުނެ އެ ދަރުސު ޓީވީއެމުން ލައިވް ކުރި މައްސަލާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން މަޖިލީހުގެ ކުޑަ ކޮމެޓީއަކަށް ހާޒިރުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ ޕަބްލިކް ބްރޯޑްކާސްޓަރު އެމްބީސީ އާއި ބްރޯޑްކާސްޓިން ކޮމިޝަން ހާޒިރު ކުރީ މިނިވަން މުއައްސަސާތަކުގެ ކުޑަ ކޮމެޓީއަކަށެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.

މިއަދު މެންދުރު ފަހު ބޭއްވި ކޮމެޓީ އަށް އެ ދެ މުއައްސަސާ ހާޒިރު ކުރުމަށް ފަހު ކޮމެޓީގެ މުގައްރިރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ ޖަމިއްޔަތުލް ސަލަފުން ރޭ ދަރުބާރުގޭގައި ބޭއްވި ދަރުހަކީ އިސްލާމް ދީން ބޭނުންކޮށްގެން ވަކި ރިޔާސީ ކެންޑިޑޭޓަކާ ދެކޮޅަށް ކޮށްފައިވާ ކެމްޕޭނެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ޝަކުވާތަކެއް އަންނާތީ އެ މައްސަލަ ކޮމެޓީން ބަލަން ނިންމެވީ ކަމަށް ހާމިދު ވިދާޅުވި އެވެ.

އެމްބީސީގެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ އެ ދަރުސް ލައިވް ކުރުމުގައި އެ ކޯޕަރޭޝަންގެ އެޑިޓޯރިއަލް ޓީމުން ބަލާފައި ވާނީ ދަރުސް އިމްތިޒާމް ކުރީ ސިޔާސީ ޕާޓީއަކުންތޯ އާއި ސިޔާސީ ބޭފުޅަކު ތަގުރީރު ކުރައްވާތޯ އާއި ދީނީ ދަރުސް ދެއްވުމުގެ ހުއްދަ އޮތް ބޭފުޅުންތޯ ކަމަށެވެ. ނަމަވެސް އެ ދަރުހަކީ ޖަމިއްޔަތުލް ސަލަފުން ބާއްވާ ދަރުހެއް ކަމާއި ދަރުސް ދެއްވަނީ ސިޔާސީ ބޭފުޅުން ނޫން ކަމަށާއި ދަރުސް ދެއްވާނީ ހުއްދަ އޮތް ބޭފުޅުންނަށް ވާތީ ދަރުސް ލައިވް ކުރުމަށް ފުރުސަތު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ލައިވް ކުރަން ނިންމުމުގެ ކުރިން އެޑިޓޯރިއަލުން އެ ބޭފުޅުންނާ ވާހަކަ ދެއްކި. ސިޔާސީ އެއްވެސް ކޮންޓެންޓެއް މީގައި އައިސްގެން ނުވާނެއޭ. އަންނަ ކަމުގައިވަނީ ނަމަ ކަނޑާލާނެއޭ،" ދީނީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވަން ޖެހޭނެތީ އެ ދަރުސް ލައިވް ކުރަންޖެހޭނެ ކަމަށް އިޝާރާތްކޮށް މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ ޖަމިއްޔަތުލް ސަލަފުގެ ދަރުހަކީ ދީން ބޭނުންކޮށްގެން ވަކި ކެންޑިޑޭޓަކަށް އެންޓި ކެމްޕޭން ކުރުމަށް ކުރި ކަމެއް ކަމަށް އޭނާ ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ނަމަވެސް މަނިކު ވިދާޅުވީ ދަރުސް ލައިވް ކުރަމުންދަނިކޮށް ރޭ 11:35 އެހާކަންހާ އިރު، ދަރުސް ދެއްވަމުން ގެންދިޔަ ޝެއިހްގެ ވާހަކަފުޅުގެ މިސްރާބު ބަދަލުވަމުންދާތީ އެޑިޓޯރިލް އިން ލައިވް ފީޑު ކަނޑާލި ކަމަށެވެ. ލައިވް ކުރި ކޮންޓެންޓުގައި އެމްބީސީގެ ގައިޑްލައިނާ ހިލާފުވި ކަމަށް ކުރި ތުހަމާ ގުޅިގެން މަނިކު ވިދާޅުވީ އެކަން އެނގޭނީ ކޮންޓެންޓް ކޮމެޓީން ބެލުމުން ކަމަށާއި އެއްވެސް ރިޔާސީ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގެއް ނިގުޅައިގަތުމަށް އެ ކޯޕަރޭޝަނުން ފުރުސަތު ނުދޭނެ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދަނީ ގާނޫނު ދަށުން ބްރޯޑްކާސްޓަރުން ފޮނުވަމުންދާ ކޮންޓެންޓަކީ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއްތޯ ކަމަށާއި ނަމަވެސް ރޭގެ ދަރުހާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ޝެއިހް ޝަމީން ރޭ ދެއްވި ދަރުހަކީ ސްޕޭންގައި 800 އަހަރު ވަންދެން ދެމި އޮތް އިސްލާމީ އުއްމަތް ނެތި ދިޔަ ގޮތުން ލިބިގަންންޖެހޭ އިބުރަތާ ގުޅޭ ގޮތުން ދެއްވި ދަރުހެކެވެ. އެ ދަރުސް ވަނީ ރާއްޖޭގެ ހަތަރު ޓީވީ ޗެނަލަކުން ވަގުތުން ދައްކާފަ އެވެ.