ވެރިކަންކުރާ ސަރުކާރެއްގެ ބިރަށް ނުވަތަ އެއްވެސް މީހެއްގެ ބިރަށް ދީނުގެ މަގުގައި ހައްގު ބަސްބުނުމުގައި ފަސް ނުޖެހުމަށް ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންނަށް ޝައިހު އާދަމް ޝަމީމް އިބްރާޙިމް ގޮވައިލައްވައިފި އެވެ.

ސްޕޭންގައި 800 އަހަރު ވަންދެން ދެމި އޮތް އިސްލާމީ އުއްމަތް ނެތި ދިޔަ ގޮތް ބަޔާންކޮށްދިނުމަށް "އަންދުލުސް"ގެ ނަމުގައި ޖަމިއްޔަތުއްސަލަފުން އިންތިޒާމްކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ މައްޝޫރު ދީނީ އިލްމުވެރިޔާ އާދަމް ޝަމީމް ރޭ ވިދާޅުވީ އިސްލާމް ދީނުގެ އަސްލުތަކާ އެއްވެސް އުއްމަތެއްގައި ހިލާފުވާން ފަށައިފި ނަމަ ހުރިހާ އިލްމުވެރިން އެކައްޗެއް ކިޔައި އެއްގަލަކަށް އަރަން ޖެހޭ ކަމަށެވެ.

"އެ ބައިމީހުން ފުރޮޅިގެން ދިޔަ އިރު އެބައިމީހުން ނުބައި މަގަށް އަޅައިގެން ދިޔައިރު އެބައިމީހުން ނުބައި ދައުވަތުތައް ގޮވައި ނުބައި މަގަށް ގެންދިޔަ އިރު ތިބައި މީހުން (އިލްމުވެރިން) ހައްގު ބަސް ބުނިންތޯ ސުވާލު ވެވޭނެ. އެންމެ ކުޑަމިނުން އަޅުގަނޑުމެންނަކީ އެކަން ކަމަށް އިންކާރު ކުރި ބަޔަކު ކަމުގައިވާން ވާންޖެހޭނެ. އެހެން ނޫން ނަމަ އަނެއްކާ ވެސް މިނިވަންކަން ގެއްލި، އިސްލާމުންނަށް ގުރުއާން މިނިވަންކަމާ އެކު ކިޔަވައި ސުންނަތް މިނިވަން ކަމާއެކު ދިރާސާކޮށް، ގުރުއާނާއި ސުންނަތަށް ބިރަކާ ނުލާ އުޅެވޭނެ ގޮތެއް ނޯންނާނެ،" ޝަމީމް ވިދާޅުވި އެވެ.

ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާ އިރު ގްރުއާނާއި ރަސޫލާގެ ސުންނަތަށް އެއްވެސް ބިރަކާއި ނުލައި އުޅެވެންޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން ދީނީ ނަސޭހަތްތަކާއި ދަރުސްތައް އެކިއެކި މާލަންތަކުގައި އޭނާ ދެއްވަމުން ގެންދެވީ ވަރަށް ކެރި ހުރެގެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިއަދު ދީނީ ވާހަކަތައް ދައްކަވަނީ ބިރެއް ނެތި ނޫން ކަމުގައި ޝަމީމް ވިދާޅުވި އެވެ.

ދީނުގެ މަގުގައި ހައްގު ބަސް ވިދާޅުވަމުން ގެންދެވި މައްޝޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ހާދިސާގެ މައްޗަށް ވެސް ޝަމީމްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

ޝައިހު ޝަމީމް ވިދާޅުވީ ދީނީ އިލްމުވެރިން ސިޔާސީ ވާހަކަތައް ދެއްކީމާ ކެތް ނުކުރެވިފައި އެހެން ކޮންމެ މީހަކު ސިޔާސަތުގެ ނަމުގައި މީހުންގެ އަބުރަށް އަރައި މީހުންނަށް މައިންބަފައި ގޮވާ މީހުންނާ ދިމާ އަށް ހަޑިހުތުރު އެއްޗެހި ގޮވައި ގަޔަށް އަތްލާ ހެދިމާ ވެސް އެ އެއްޗެހި ހަޒަމްކުރެވޭ ކަމަށެވެ. އަދި އެމީހުންނާ އެކު އެއްމޭޒަކަށް އަރައި ސައިބޮއި ވެސް ހަދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް ދީނީ އިލްމުވެރިއަކު މިވެނި ކަމެއް ނުކުރާށޭ، ގުރުއާނުގައި އޮތީ މިހެނޭ ނުވަތަ ރަސޫލާ ހަދީސް ކުރައްވާފައި ވަނީ މިވެނި ގޮތަކަށޭ ބުނުމަކީ ހައްދު ފަހަނައަޅައިގެން ގޮސްފައިވާ ބަޔެއްގެ ގޮތުގައި ސިފަކުރަމުން ގެންދާ ކަމަށް ޝޭހު ވިދާޅުވި އެވެ.

"އެއްވެސް ގައުމެއް އެއްވެސް މުޖުތަމައެއް ދީނީ އިލްމުވެރިންގެ ސަބަބުން ހަލާކުވެގެން ނުދާނެ. އެހެންނަމަވެސް ދީނީ އިލްމުވެރިންގެ ތެރޭގައި ވެސް އެފަދަ ބަޔަކު ތިބެދާނެ، ތިބޭނެ އަބަދުވެސް. އެކަމަކު ދީނީ އިލްމުވެރިންނަށް އެގޮތަށް އާއްމުކޮށް ނިސްބަތްކޮށްގެން ނުވާނެ. އެހެނީ އޭގެތެރޭގައި އަދުލު އިންސާފަށް ގޮވާ އަދުލު އިންސާފުގެ މަތީގައި ގާއިމުވެތިބެ ހައްގުގެ ބަސް ބުނާ ބޭފުޅުން އެބަތިބި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމްގެ ދަރުސްގައި އިލްމުވެރިން އެބައި މީހުންގެ ވާޖިބުތައް އަދާކުރުމުގައި ފަސް ޖެހިއްޖެ ނަމަ ސްޕޭންގައި އޮތް އިސްލާމީ އުއްމަތަށްވީ ގޮތް މެދުވެރިވެގެން ހިނގައިދާނެ ކަމަށް ޓަކައި ރައްކާތެރިވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.