ތ. މަޑިފުށީ ކުރީގެ ބޮޑު ކަތީބު އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އެ ރަށު ކައުންސިލް މެމްބަރު މުހައްމަދު ޝާފިއު މިއަދު "ސަން" އަށް ވިދާޅުޅުވީ މިއަދު މެންދުރު 1:00 ޖަހާއެހާކަންހާއިރު އެ ރަށު ފަޅު ތެރޭގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ރަށު ކުރީގެ ބޮޑު ކަތީބު މުހައްމަދު ރަހާ ކަމަށެވެ. އަދި އޭނާ އަކީ 65 އަހަރުން މަތީ މީހެއް ކަމަށާއި ސީދާ އުމުރު ބުނަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"ސީދާ ވަގުތެއް ބުނާކަށް ނޭނގޭ، ރަހާ ކަތީބު މަރުވެފައި އޮއްވައި ފެނުނީ އަތިރީމަތީ މޫދުން،" ޝާފިއު ވިދާޅުވި އެވެ.

ރަހާ މަރުވެފައި އޮއްވައި ފެނުނު އިރު އޭނާ އޮތީ ބަރަހަނާ ހާލުގައި ކަމަށް ޝާފިއު ވިދާޅުވި އެވެ.

ރަހާގެ އާއިލާއާ ހަވާލާދީ ޝާފިއު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް މެންދުރު ނަމާދަށް ދިއުމަށް ފެންވަރަން ރަހާ މޫދަށް ދާކަމަށާއި އެގޮތުން މިއަދު ވެސް އެގަޑީގައި މޫދަށް ދިޔަ ކަމަށެވެ. އަދި އޭނާ މަރުވެފައި އޮއްވައި ފެނިފައި ވަނީ އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ކަމަށް ޝާފިއު ވިދާޅުވި އެވެ.