18 Sep 2013, 12:11
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަވަހަށް ފެށުމަށް އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީސްގެ ރައީސް އަބުދުﷲ ޝާހިދަށް ސިޓީ ފޮނުވައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ސުޕުރީމް ކޯޓް ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މި މަހު އޮތް އިންތިހާބަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ދަނީ ޑިމޮކުރެކްޓިކް އުސޫލުތަކާ ހިލާފަށް ކަމަށާއި އެހެން ކަމުން މަޖިލިސް ފެށުމަށް އެދި މަޖިލިސް ރައީސް އަށް ސިޓީ ފޮނުއްވާފައިވާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މަންދޫބުން ތިބިތަނެއް. އެހެންވީމާ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުން މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުންތައް ވީހާ ވެސް އަވަހަކަށް ފެށުމަށް ޓަކައި އެމްޑިޕީ ޕާޓީ ގުރޫޕުން ނިންމެމުމަށް ފަހު މަޖިލިސް ރައީސް އަށް ދަންނަވައިފިން،" އިބޫ ވިދާޅުވި އެވެ.
މަޖލިސް ޖަލްސާތައް ފެށުމަށް ފަހު އަޅާނީ ކޮންކޮން ފިޔަވަޅުތަކެއްތޯ ސުވާލުކުރުމުން އިބޫ ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބު ދައުލަތުގެ މުއައްސަސާތަކާ ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތްތަކީ ފާހަގަކުރާކަމެއް ކަމަށާއި އަދި ގިނަ އަދަދެއްގެ މަސައްކަތްތަކެއް މަޖިލިސް މެދުވެރިކޮށް ކުރެވެން ހުރިކަމަށެވެ. ތަފްސީލެއް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ އެ ޕާޓީގެ ބޭނުމަކީ ވީހާ ވެސް އަވަހަށް މަޖިލިސް ފެށުން ކަމަށެވެ. އަދި ޑީއާރްޕީގެ އެއްބާރުލުން ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ލިބޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އެމްޑީޕީ ޕާލަމްނެޓް މެމްބަރުންގެ ގޮތުގައި މިވަގުތު 34 މެމްބަރުން މަޖިލީހުގައި ތިބި އިރު ޑީއާރްޕީގެ މެމްބަރުންގެ ގޮތުގައި ނުވަ މެމްބަރުން އެބަތިއްބެވެ. ނަމަވެސް ޑިއާރްޕީ ހުރިހާ މެމްބަރުންނެއް އެމްޑީޕީއަކަށް ތާއީދެއް ނުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައި ކުޅަ އެއްބައި މެންބަރުން ސޮއި ބޭނުންވެ އެވެ. މަޖިލީހުގެ ތިންބައި ކުޅަ އެއްބައި މެންބަރުންނަކީ 26 މެންބަރުނެވެ. އެ މެންބަރުން ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސަށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވަންޖެހޭނެ ކަމަށާއި 14 ދުވަސް ވެސް ގުނާނީ ބަންދު ދުވަސް ހިމަނައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.