ޔޫއެންގެ ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ނަވި ޕިއްލޭއާ ހަވާލުވެފައިވާ މަސައްކަތް ކުރިއަށް ގެންދެވުމުގައި ރާއްޖޭގެ އެއްބާރުލުން އޮތް ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން އޭނާ އަށް ދީފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ 24 ވަނަ ސެޝަން ފެށުމުގެ ގޮތުން ޕިއްލޭ ދެއްކެވި ވާހަކަފުޅަށް ރާއްޖޭން ޖަވާބު ދިން ކަމަށެވެ. އެގޮތުން އޭނާ ކުރައްވާ މަސައްކަތަށް ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފުދުން މަރުހަބާ ދެންނެވި ކަމަށް ބަޔާނުގައިވެ އެވެ.

"... ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ނަވި ޕިއްލޭ ދެއްވި ބަޔާނަށް ރާއްޖޭން ޖަވާބު ދިނެވެ. އެޖަވާބުގައި އޭނާގެ މަސައްކަތްޕުޅަށް މަރުހަބާ ދެންނެވި އެވެ. އަދި އޭނާއާ ހަވާލުވެފައިވާ މަސައްކަތްޕުޅު ކުރިއަށް ގެންދެވުމުގައި ރާއްޖޭން އެއްބާރުލާނެ ކަމުގެ ޔަގީންކަން އަނެއްކާ ވެސް ދިނެވެ،" ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ވަނީ ހިއުމަންރައިޓްސް ކައުންސިލްގެ 24 ވަނަ ސެޝަންގައި ރާއްޖޭން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތަކުގެ ދާއިރާއާއި އެއްވެ އުޅުމުގެ ހައްގުގެ ދާއިރާ ހިމެނޭ ކަމަށެވެ. ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ދާއިރާ އިން ވެސް ރާއްޖޭން މަސައްކަތް ކުރާނެ ކަން ފާހަގަކޮށްފައިވެ އެވެ.

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އަލުން އިންތިހާބުވުމަށް އެހެން ގައުމުތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް މިދައުރުގައި ވެސް ކުރާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ ޔޫއެން ގެ އޮފީސް ތަކަށް ރާއްޖޭން ކަނޑައަޅާފައިވާ ޕާމަނެންޓް މިޝަންގެ ބޭފުޅުންނެވެ.