18 Sep 2013, 10:37
ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ރޭ ގަލަޓަސަރާއީ އަތުން 6-1 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ. ރޭގެ މެޗުގުގައި ރެއާލްގެ ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައިފަ އެވެ.
ރެއާލްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގީ ރެއާލްއިން ނެވެ. އެލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު އިސްކޯ އެވެ. އިސްކޯ އަކީ 23 މިލިއަން ޕައުންޑަށް މަލާގާއިން މިސީޒަންގައި ރެއާލްއަށް ގެނައި ކުޅުންތެރިއެކެވެ.
ރޭގެ މެޗުގައި ރެއާލްގެ ދެ ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަރީމް ބެންޒެމާ އެވެ. އަދި ބެންޒެމާ ވަނީ ރޭގެ މެޗުގައި ރެއާލްއަށް އިތުރު ލަނޑެއް ވެސް ކާމިޔާބު ކޮށްދީފަ އެވެ. ރެއާލްގެ އަނެއް ތިން ލަނޑު އެޓީމަށް ރޭ ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އެވެ. ރޭގެ ހެޓްރިކާއެކު ރޮނާލްޑޯ ވަނީ މިހާތަނަށް ރެއާލްގައި ހުރެގެން 21 ހެޓްރިކް ހަދައިފަ އެވެ.
ރޭގެ މެޗުގައި ގަލަޓަސަރާއީ އިން ރެއާލް ކޮޅަށް ޖެހި ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ތުރުކީގެ ފޯވާޑް އުމުޓް ބުލުޓު އެވެ.
ރޭގެ މެޗުން ރެއާލް މޮޅުވު ވުމުން އެޓީމް އޮތީ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ތިން ޕޮއިންޓާއެކު އެވެ. ދެ ވަނަ މަގާމްގައި އޮތީ އެއް ޕޮއިންޓާއެކު އޮތް ޔުވެންޓާސް އާއި ކޯޕެންހޭގަން އެވެ. އަދި ގްރޫޕްގެ އެންމެ ފުލުގައި އޮތީ ގަލަޓަސަރާއީ އެވެ.