18 Sep 2013, 10:12
އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އިއްޔެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 7-2 ލަނޑުން މޮޅުވުން އެއީ އާދައިގެ ނަތީޖާއެއް ކަމަށް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުވޭތު ސްޕޯޓްސް ކްލަބްގެ ރޫމޭނިއާ ކޯޗު މަރިން އިއޮން ބުނެފި އެވެ.
އޮއިން ބުނީ، އިއްޔެގެ މެޗުގެ ނަތީޖާއަކީ ތަފާތު ބޮޑު ނަތީޖާއެއް ކަމަށާއި އަދި އޭނާގެ ޓީމާ ނިއުއާ ދެމެދު ބޮޑެތި ތަފާތުތަކެއް ވެސް އެބަ ހުރި ކަމަށެވެ.
"އެއީ ތަފާތު ބޮޑު ނަތީޖާއެއް. އެކަމަކު އެއަށްވުރެ ގިނަ ލަނޑުވެސް އަހަރެމެންނަށް ޖެހިދާނެ ކަމަށް ގަބޫލުކުރަން. ދެޓީމުގެ ދެމެދުގައި ހުރި ތަފާތު އަހަރެމެންނަށް ފެނިއްޖެ،" ކުވޭތު ސްޕޯޓްސްގެ ކޯޗު ބުންޏެވެ. "ކުވޭތު ޓީމަކީ އޭޝިއާގެ ޗެމްޕިއަނުން. އެހެންކަމުން އެ ނަތީޖާއަކީ އާދައިގެ ނަތީޖާއެއް."
އިއްޔެގެ މެޗުގެ ފުރަތަމަ ހާފްގައި ކުވޭތު ސްޕޯޓްސް އިން ނިއު ކޮޅަށް ހަ ލަނޑު ޖަހާފައިވާއިރު އޭގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްފައި ވަނީ، އެޓީމުގެ ތޫނިސް ތައުމީ ޓީމްގެ ފޯވާޑް އިއްސާމް ޖެމާ އެވެ. އަދި އަނެއް ދެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޖޭރިއޯ އާއި ތޫނިސް މިޑްފީލްޑަރު ހަމާމީ އެވެ. ފަހު ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ހަތް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީވެސް ހަމާމީ އެވެ.
"އަހަރެން ވަރަށް ހިތްހަމަ ޖެހޭ ޓީމުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން. އެ ކުޅުންތެރިން ސާބިތު ކޮށްދީފި ކުވޭތު ސްޕޯޓްސްގެ ހައިބަތު،" އޮއިން ބުންޏެވެ.
ކުވޭތު ޓީމުގެ ކޯޗު ބުނީ، އިއްޔެގެ މެޗުގެ ފަހުހާފުގައި އޭނާގެ ޓީމަށް ބަދަލުތަކެއް ގެނައީ، ގައުމަށް އެނބުރި ދާގޮތަށް ލީގު މެޗެއް ކުޅެންޖެހޭތީ އެ މެޗަށްވެސް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
"އަހަރެމެން އެނބުރި ދާގޮތަށް އެބަޖެހޭ ލީގު މެޗެއް ކުޅެއް. އަހަރެން ބޭނުންވޭ އެ މެޗަށްވެސް ކުޅުންތެރިން ސަލާމަތުން ބައިތިއްބަން. އަހަރެމެން ހަމަ އެކަނި މި ވިސްނަނީކީ މި މުބާރާތަކަށް ނޫން، އެކަމަކު އަހަރެމެންގެ ލީގާއި އޭއެފްސީ ކަޕްވެސް ކާމިޔާބުކުރުން އަޒުމަކީ،" ކުވޭތު ސްޕޯޓްސްގެ ކޯޗު ބުންޏެވެ.
އޭފްސީ ކަޕްގެ ކުއާޓާފައިނަލްގައި ކްވޭތު ސްޕޯޓްސްއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ބައްދަލު ކުރާ ދެވަނަ ލެގުގެ ކުޅުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ކުވޭތުގަ އެވެ.