18 Sep 2013, 10:21
ކެންބެރާ (ސެޕްޓެމްބަރ 18): އޮސްޓްރޭލިޔާގެ ޢާންމު އިންތިޚާބު ކާމިޔާބުކުރި ކޮންޒަވެޓިވް ކޯލިޝަންގެ ލީޑަރު ޓޯނީ އަބުޓް އެގައުމުގެ ބޮޑުވަޒީރުކަމުގެ ޤާނޫނީ ހުވާކުރައްވައިފި އެވެ.
މިކަމުގެ ރަސްމިއްޔާތުއޮތީ ކެންބެރާގައި ހުންނަ "ގަވަރުމެންޓް ހައުސް" ޢިމާރާތުގަ އެވެ. ހުވާކުރެއްވުމުގެ ކުރިން ދެއްވި ބަޔާނެއްގައި އަބުޓް ވަނީ ކުރީގެ ސަރުކާރުން ކާބަން ގޭސްއުފައްދުމާ ދެކޮޅަށް ތަޢާރަފްކޮށްފައިވާ ޓެކްސް އޭނާގެ ބޮޑުވަޒީރުކަމުގައި އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އިންތިޚާބަށް ކޭންޕޭންކުރި އިރުވެސް މިޓެކްސް އުވާލުމާބެހޭ ޕްލޭނެއް އަބުޓް ވަނީ ހާމަކުރައްވާފަ އެވެ. މީގެއިތުރުން ބޭރު ގައުމުތަކުގެ މީހުން އޮސްޓްރޭލިޔާއަށް ހިޖްރަކުރާ މިންވަރު ކުޑަކުރުމަށްޓަކައި ހިޖްރަކުރުމާދެކޮޅަށް ހަރުކަށި ސިޔާސަތެއް ތަޢާރަފްކޮށް ބޭރުމީހުން ފަސޭހައިން އޮސްޓްރޭލިޔާއަށް ހިޖްރަ ނުކުރެވޭނެ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށްވެސް އަބުޓް ވިދާޅުވެފައިވެ އެވެ.
ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ކުރު ޚިތާބުގައި އަބުޓް ވަނީ ހިޖްރަކުރުން މަދުކުރުމަށް ފިޔަވަޅު އެޅުމާއި ކުރީ ސަރުކާރުން ތަޢާރަފްކޮށްފައިވާ ކާބަން ގޭސް ޓެކްސް އުވާލުން އޭނާގެ ސަރުކާރުން އެންމެ ފުރަތަމަ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އުމުރުން 55 އަހަރުގެ އަބުޓް އަކީ ނަސާރާ ފާދިރީއެއްގެ ގޮތުގައި ފައްޅިތަކުގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ އަދި ނަސާރާ ކެތަލިކް އުސޫލުތަކަށް ލޯބިކުރައްވާ ބޭފުޅެކެވެ. މީގެ އިތުރުންއަބުޓް އަކީ ނަސާރާ އުސޫލުތައް ފެތުރުމުގެ ނުރައްކާތެރި ވިސްނުން ގެންގުޅޭ ބޭފުޅެއް ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. އަބުޓް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައި ވަނީ 1957 ވަނަ އަހަރު އިނގިރޭސިވިލާތުގަ އެވެ. އޭނާގެ މައިންބަފައިންނަކީ އިނގިރޭސި ދަރިކޮޅުގެ އޮސްޓްރޭލިޔާ ރައްޔިތުންނެވެ. އަބުޓް މަތީ ތަޢްލީމް ޙާސިލްކުރައްވާފައި ވަނީ އިގްތިސާދާއި ގާނޫނާ ބެހޭ ދާއިރާއިންނެވެ. އޮސްޓްރޭލިޔާގެ ހަރުކަށި ކޮންޒަވެޓިވް ޚިޔާލުގެ ބޮޑުވަޒީރެއް ކަމަށްވާ ޖޯން ހަވަޑްގެ ސަރުކާރުގައި ހެލްތް މިނިސްޓަރު ކަމާއި އެންޕްލޯއިމަންޓް މިނިސްޓަރުކަން އަބުޓް ކުރައްވާފައިވެ އެވެ.
މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި، އަބުޓްގެ ކޮންޒަވެޓިވް ކޯލިޝަނަށް އޮސްޓްރޭލިޔާގެ ޕާލަމެންޓްގެ ތިރިގޭގެ ތަނަވަސް އަޣްލަބިއްޔަތު ލިބިފައިވާތީ އަބޫޓްގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނުތައް ފާސްކުރުމަށް ޕާލަމެންޓުގައި އޭނާ އަށް ދަތިކަމެއް ކުރިމަތިނުވާނެ އެވެ.
150ގޮނޑި ހިމެނޭ އޮސްޓްރޭލިޔާގެ ޕާލަމެންޓްގެ 88 ގޮނޑި ކޮންޒަވެޓިވް ކޯލިޝަންގެމެންބަރުން ކާމިޔާބުކޮށްފައިވާއިރު ކުރީގައި ވެރިކަންކުރި އަދި މިހާރުގެ އދިކޮޅު ލޭބާ ޕާޓީ އަށް ލިބިފައި ވަނީ 57 ގޮނޑި އެވެ. ބާކީ ގޮނޑިތައް ކާމިޔާބުކުރީ މުސްތަގިއްލު ފަރާތްތަކުންނާއި ކުދި ޕާޓީތަކުންނެވެ. އަބުޓް، އޮސްޓްރޭލިޔާގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުން އެގައުމުގައި މީގެ ހައަހަރުކުރިން ވެރިކަންކުރަމުން ގެންދިޔަ ލޭބާ ޕާޓީގެ ވެރިކަން ނިމުމަކަށް އައީއެވެ. ލޭބަ ޕާޓީއަކީ ކޮންޒަވެޓިވް ޕާޓީއަށް ވުރެ މަޑުމައިތިރި ޕާޓީއެކެވެ. (ނޫސްއެޖެންސީތައް)