18 Sep 2013, 10:08
ވޮޝިންޓަން (ސެޕްޓެމްބަރު 18): ދުނިޔޭގެ ގައުމުތަކަށާއި އެގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން އެމެރިކާ ކުރިޔަށްގެންދާ ޖާސޫސީ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ނުރައްކާތެރިކަން ބޮޑުކަމުން، އެމެރިކާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅެއް ވަގުތީ ގޮތުން ކެންސަލްކުރުމަށް ބްރަޒީލްގެ ރައީސާ ދިލްމާ ރޮސޭފް ނިންމަވައިފި އެވެ.
ދިލްމާގެ ދަތުރުފުޅު ވަގުތީ ގޮތުން ކެންސަލްކުރުމާގުޅިގެން ވައިޓްހައުސްއިން ވަނީ އެކަމާމެދު ދެރަވާކަން ހާމަކޮށްފަ އެވެ. ވައިޓް ހައުސް އިންބުނީ ދިލްމާ މިމަހުގެ 23ގައި ވޮޝިންޓަނަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރެއްވި ނަމަވެސް ކައިރި މުސްތަޤްބަލެއްގައި އެދަތުރުފުޅު ކުރައްވާނެ ކަމަށް އުންމީދުކުރާ ކަމުގަ އެވެ.
ބްރަޒީލްގެ ރައީސާގެ ތަރްޖަމާނަކު ވިދާޅުވީ އެކަމަނާ އެމެރިކާ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު މިވަގުތަށް ކެންސަލް ކުރުމަށް ލަފާދެއްވީ އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރުންނާއި ކުރީގެ ރައީސް ލުއިސް އިގްނާސިޔޯ ޑިސިލްވާ ކަމުގަ އެވެ. ޑިސިލްވާއަކީ އެމެރިކާ ދުނިޔޭގެ ގައުމުތަކާ މުޢަމަލާތް ކުރުމުގައި ގެންގުޅޭ ހަރުކަށި ސުލޫކަށް ފާޅުގައި ފާޑުވިދާޅުވެފައިވާ އަދި ބްރަޒީލްގައި ވަރަށް އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ދުނިޔޭގެ ގައުމުތަކަށާއި އެގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ކުރިޔަށްގެންދާ ޖާސޫސީ ޕްރޮގްރާމުތަކުގެ ހަގީގަތް ބޭޒާރުކޮށްލީ އެއެޖެންސީގައި ކުރިން މަސައްކަތްކުރި މުވައްޒަފެއް ކަމަށްވާ އެޑްވަޑް ސްނޯޑެން އެވެ. ސްނޯޑެން ހާމަކުރި އެމެރިކާގެ ޖާސޫސީ ހަގީގަތްތަކުގެ ސަބަބުން ބްރަޒިލްގެ އިތުރުން ޗައިނާ ރަޝިޔާ އަދި އިންޑިޔާ އަށް ވެސް ވަނީ ސިހުން ލިބިފަ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އެޖެންސީން ކުރިޔަށްގެންދާ ޖާސޫސީ ޕްރޮގްރާމު ތަކުގެ ތެރޭގައި ގައުމުތަކުގެ އިސްމަސްއޫލުވެރިންނާއި ލީޑަރުނާއި ސަރުކާރުގެ އިދާރާތަކުން އިންޓަނެޓް މެދުވެރިކޮށް ހިންގާ ތަފާތު މުޢަމަލާތްތައް ސިއްރިޔާތުގައި ހޯދުމާއި ފޯންކޯލްތައް ވެސް ސިއްރިޔާތުގައި އަޑުއެހުން ހިމެނޭކަން ސްނޯޑެން ވަނީ ހާމަކޮށްފަ އެވެ.
މިމައްސަލާގައި ބްރަޒިލްގެ އިތުރުން ޗައިނާ ރަޝިޔާ އަދި އިންޑިޔާ ވެސްވަނީ އެމެރިކާގެ ޖާސޫސީ ހަރަކާތްތަކުގެ ނުރައްކާތެރިކަމާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. އެމެރިކާގެ ޖާސޫސީ ހަރަކާތްތަކުގެ އަމާޒަކަށް އެމެރިކާގެ އެންމެ ގާތް ރަހްމަތްތެރި ގައުމުތައް ކަމަށްވާ ޔޫރަޕްގެ ގައުމުތައް ވެސް ވެފައިވާ ކަމަށާ އަދި ޚުދު އެމެރިކާގެ ރައްޔިތުންގެ ފޯންކޯލްތަކަށާއި އިންޓަނެޓްގެ މުޢާމަލާތްތަކަށް ވެސް އެމެރިކާގައުމީ ސަލާމަތާ ބެހޭ އެޖެންސީން ޖާސޫސު ކުރަމުން ގެންދާކަން ސްނޯޑެން ބޭޒާރުކޮށްލުމުން އެމެރިކާ ވަނީ ބައިނަލްއަޤްވާމީ މުޖްތަމައުގެ ކުރިމަތީގައި ވަރަށް ލަދުގަނެ އެކަހެރި ވެފައެވެ. (ނޫސްއެޖެންސީތައް)