18 Sep 2013, 09:01
ޑާކާ (ސެޕްޓެމްބަރ 17): ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީކަމަށްވާ ޖަމާޢަތޭ އިސްލާމްގެ ލީޑަރެއް ކަމަށްވާ ޢަބްދުލްޤާދިރު މުއްލާ އުމުރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް މަރުގެ އަދަބުގެ ޙުކުމަކަށް އެގައުމުގެ ހައިކޯޓުން ބަދަލުކޮށްފި އެވެ. ހައިކޯޓުން މިޙުކުމް ބަދަލުކޮށްފައި މިވަނީ ޢަބްދުލްޤާދިރު އުމުރަށް ޖަލަށްލުމަށް ކުރި ހުކުމް ބާތިލްކޮށްދިނުމަށް އެދި އޭނާގެ ޤާނޫނީ ވަކީލުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ފަހު މިއަދު އިއްވި ހުކުމް ގައެވެ.
އުމުރުން 65 އަހަރުގެ ޢަބްދުލްޤާދިރު މުއްލާ އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައި ވަނީ، 1971 ވަނަ އަހަރު ބަންގްލަދޭޝްގެ ރައްޔިތުން ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ގައުމީ ހަނގުރާމާގައި، މިނިވަންކަމަށް މަސައްކަތްކުރި ފަރާތްތައް މެރުންފަދަ ޖަރީމާތައް ޕާކިސްތާން ސިފައިންނާ ގުޅިގެން ހިންގާފައިވާކަން ސާބިތުވެގެން ކަމަށް ނިންމައި މިދިޔަ ޖުލައިމަހުގަ އެވެ. މިހުކުމް އިއްވާފައި ވަނީ ބަންގްލަދޭޝް ސަރުކާރުންއުފައްދާފައިވާ ޚާއްސަ ކޯޓެއް ކަމަށްވާ "އިންޓަރނޭޝަނަލް ޓްރިބިއުނަލް ފޯރ ވާރ ކްރައިމްސް" އިންނެވެ. މިއީ ސިޔާސީ ކޯޓެއްގެ ގޮތުގައި ބަންގްލަދޭޝްގެ އިދިކޮޅު ބައެއްފަރާތްތަކުން ސިފަކުރާ ކޯޓެކެވެ.
ހައިކޯޓުގެ ޙުކުމްގައި ބުނެފައި ވަނީ ޢަބްދުލްޤާދިރުގެ މައްޗަށް ޚާއްސަ ކޯޓުން އިއްވާފައި ވަނީ ލުއި ހުކުމެއް ކަމަށާ މިހުކުމަށް ބަދަލުގެނެވޭ ފަދަ ހެކިތައް ހުރިކަމުން މަރުގެ ހުކުމަކަށް ބަދަލުކުރީ ކަމުގަ އެވެ. ޢަބްދުލްޤާދިރުގެ އިތުރުން ޖަމާޢަތޭ އިސްލާމްގެ އެންމެ އިސްލީޑަރު ކަމަށްވާ ރޫޙީ ލީޑަރުގުލާމް ޢަޒަމްގެ މައްޗަށް ވެސް ވަނީ ބަންގްލަދޭޝްގެ ރައްޔިތުން ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމާގައި، ޕާކިސްތާން ސިފައިންނާ ގުޅިގެން އަމިއްލަގައުމަށް ޚިޔާނަތްތެރިވިކަމުގެ ކުށް ސާބިތުވެގެން 90 އަހަރަށް ޖަލަށްލުމުގެ ޙުކުމެއް ޚާއްސަ ކޯޓުން އިއްވާފަ އެވެ.
ހަމައެފަދައިން ޖަމާއަތޭ އިސްލާމްގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އަޙްސަން މުޙައްމަދު މުޖާހިދުގެ މައްޗަށްވެސް ވަނީ ހަމަ މިމައްސަލާގައި މިދިޔަ ޖުލައި މަހު ކުށްސާބިތުވެގެން މެރުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ޖަމާޢަތޭ އިސްލާމް އިންވަނީ މިހުރިހާ ބޭފުޅުންގެ މައްޗަށް ވެސް އިއްވާފައި ވަނީ ސިޔާސީ ޙުކުމް ތަކެއް ކަމަށް ސިފަކޮށްފަ އެވެ.
1971 ވަނައަހަރު ބަންގްލަދޭޝްގެ ރައްޔިތުން ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ގައުމީ ހަނގުރާމާގައި ޕާކިސްތާން ސިފައިން ވަނީ ބަންގްލަދޭޝްގެ އެތައް ލައްކަ އަންހެނުންނެއް ރޭޕްކޮށް މިލިޔަނަކަށް ވުރެ ބަންގްލަދޭޝްގެ ރައްޔިތުން މަރައި ބަންގްލަދޭޝްގެ ތަންތަން ލޫޓުވައި މާއްދީގޮތުން ވެސް އެގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. (ނޫސް އެޖެންސީތައް)