މާލެ އާއި ރާއްޖެތެރެ ތަރައްގި ކުރުމަށް ކޮންމެހެން ވެސް މާލޭގެ ތޮއްޖެހުން ކުޑަކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައެމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ކާމިނީމަގުގައި ބޭއްވި މައްޗަންގޮޅި ދެކުނު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި "ވެހިފަށި މާލެ ޕްރޮގްރާމް" ކުރިއަށް ގެންދާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ މަސައްކަތް ކުރުމަށް އެމަނިކުފާނު އަންދާޒާ ކުރައްވާ ގޮތުން 800 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. އަދި އެފަދަ ބޮޑު މަސައްކަތެއް ޓެކްސް ނަގައިގެން ނުހިންގޭނެ ކަމަށާއި އެމްޑީޕީ ވެރިކަމެއްގައި އެ މަސައްކަތް ކުރައްވާނީ ޕަބްލިކް ޕާޓްނާޝިޕްގެ ދަށުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިވެހި ރާއްޖޭގައި އެންމެ ރަނގަޅަށް ހިނގާނެ ވިޔަފާރިއަކީ ފަތުރުވެރިކަމުގެ ވިޔަފާރި ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް 200 ފަތުރުވެރިންނަށް އެނދު އެޅެން ހުރި ކަމަށް އެ މަނިކުފާނު ވިދާޅުޅުވި އެވެ. އަދި އަހަރެއްގެ މައްޗަށް ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުންގެ ބަދަލުގައި ފަސް މިލިއަން ޓޫރިސްޓުން ގެންނަ ވަރަށް އެއާޕޯޓް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މިރޭގެ ވާހަކަފުޅުގައި ނަޝީދު އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރު އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތް އިރު ވެސް ޓެކްސްގެ ނިޒާމެއް ހަރުދަނާ ކުރުމަށް ދިރާސާ ކުރަމުން އަންނަތާ 20 އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ނިޒާމް ގާއިމު ނުކުރެވި އޮތީ ވިޔަފާރިވެރިން އެކަމާ އިންކާރު ކުރުމުން ކަމަށެވެ. އަދި ޓެކްސްގެ ނިޒާމް ގާއިމް ނުކުރެވި އޮއްވައި އެ ނިޒާމް ގާއިމް ކުރީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި އެފަދައިން ނުކުރެވި ހުރި ކަންކަން އެމަނިކުފާނުގެ ސަރުކާރެއްގައި ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލު ކުރެވުނު އިރު ޓެކްސްގެ ނިޒާމެއް ގާއިމު ކުރުމަށް އެކަމަށް ބޭނުންވާ ދިރާސާ ހަދަމުން އަންނަތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ. އެހެންނަމަވެސް އެނިޒާމް ގާއިމު ނުކުރެވި އޮތީ ވިޔަފާރިވެރިން އެކަމާ އިންކާރު ކުރާތީ."ނަޝީދު ވިދާޅުވި އެވެ.