17 Sep 2013, 22:55
ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ތަސްދީގު ނުކުރައްވައި، އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވާފައި ވަނީ އެ ބިލްގައި ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ބަންޑާރަ ނައިބު ލަފާއަރުވާފައި ވާތީ ކަމަށެވެ. އަދި މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި އެ ބިލްގައިވާ ބަންޑާރަނައިބް ފާހަގަކުރެއްވި މައްސަލަތަކަށް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ބިލް އަނބުރާ ފޮނުއްވާފައި ވަނީ އެ ބިލްގައިވާ ބަންޑާރަ ނައިބު ފާހަގަކުރައްވާފައިވާ މައްސަލަތަކަށް އަލުން ރިއާޔަތް ކުރެއްވުމަށް ފަހު ބިލަށް އިސްލާހު ގެންނެވުމަށް ކަމަށް ވެސް ރައީސް ފޮނުއްވި ސިޓީފުޅުގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖަލުތަކާ ބެހޭ ބިލް ތަސްދީގު ނުކުރައްވައި އެންމެ ފުރަތަމަ ފޮނުއްވާލައްވާފައި ވަނީ މިއަހަރުގެ މެއި މަހުގަ އެވެ. އެއަށް ފަހު އެބިލަށް އިސްލާހު ގެނައުމަށް ފަހު މަޖީހުން ފޮނުވާފައި ވަނީ މި ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މި ބިލް މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމަށް މަޖިލީހަށް ފޮނުވާފައި ވަނީ 28 ކަމެއް ފާހަގަކޮށް ކަމަށާއި އެ ބިލްގައިވާ ގިނަ ކަންތައްތަކަކަށް ރިޔާޢަތްކޮށް ބިލަށް އިތުރު އިސްލާހުތައް ގެނެސްފައި ވާނެ އެ ބިލް ގައުމީ ސަލާމަތު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅަމުން ކޮމެޓީގެ މުގައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވަނީ ވިދާޅުވެފަ އެވެ.
ޖަލުތަކާއި ޕެރޯލްގެ ބިލް ގާނޫނަކަށް ވުމުން ޖަލުތައް ހިންގައި ބެލެހެއްޓުމަށް ޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދަން ޖެހޭނެ އެވެ. އަދި އެ މުއައްސަސާގެ ދަށުން ޖަލުތަކުގައި ތިބީ ގައިދީންނަށް ތަފާތު އެކި ރޮނގުރޮނގުން ތަމްރީން ޕްރޮގްރާމްތައް ހިންގަން ޖެހޭނެ އެވެ. އަދި ޖަލުގެ މާހައުލަކީ ގައިދީންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ވެސް އެ މުއްސަސާގެ މަސްއޫލީއްޔަތެކެވެ.