17 Sep 2013, 22:23
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް ރޮބިން ވެންޕާސީ އެކުލަބާ އެކު ހަދާފައިވާ ކޮންޓުރެކްޓް އަލުން އާކޮށް އެ ކުލަބުގައި ހުންނަން ބޭނުވާ ކަމަށް އޭނާ މިއަދު ބުނެފި އެވެ.
ނިމިދިޔަ ސަމާ ޓްރާންސްފާގައި 24 މިލިޔަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވި އާސެނަލްގެ ކުރީގެ ފޯވާޑް ވެންޕާސީ ބުނީ، ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ބާކީ އަދި ތިން އަހަރު އޮތް ކަމަކު ކްލަބުގައި ދިގު މުއްދަތަކަށް މަޑުކުރާން ބޭނުން ވަނީ އޭނަގެ ފުޓްބޯޅައިގެ ކެރިއަރަށް އިތުރު ކުރިއެރުންތައް ލިބޭނެގެ ކަމުގެ އުންމީދު އޮތުމުން ކަމަށެވެ.
"ޔުނައިޓެޑްގައި ދިގު މުއްދަތަކަށް މަޑުކޮށްފި ނަމަ އަހަރެންގެ ކުރިމަކު ވަރަށް އުޖާލާވާނެ. އަހަރެން ބޭނުމީ ޔުނައިޓެޑްގައި މަޑުކުރާން. އަހަރެންގެ ކޮންޓުރެކްޓް އަދި ހަމައެއް ނުވޭ. އަހަރެން މިހިރީ ޔުނައިޓެޑަށް މިސީޒަންގައި އިތުރު ދެ ތިން ޓްރޮފީއެއް ހޯދަދޭން" ނެދަލެންޑްސްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ވެންޕާސީ ބުންޏެވެ.
އުމުރުން 30 އަހަރުގެ ވެންޕާސީ ބުނީ، ޕްރިމިއާ ލީގުގައި އަދި ރަނގަޅު ނަތީޖާއެއް ޔުނައިޓެޑަށް ލިބިފައި ނުވި ނަމަވެސް ލީގުގެ ބާކީ ހުރި މެޗްތަކުން ޔުނައިޓެޑަށް ރަނގަޅު ނަތީޖާއެއް ހޯދަދޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން މިހާރު އެބޮތް ކަމަށެވެ.
ވެންޕާސީ އަކީ މިދިޔަ ސީޒަންގެ ޕްރެމިއާ ލީގުގެ ރަންބޫޓް ހޯދި ކުޅުންތެރިޔާ އެވެ. އެހެން ކަމުން އެމަގާމް އޭނާ މިފަހަރު ޔުނައިޓެޑްގައި ހުރިގެން ހޯދުން ވަރަށް ގާތް ކަމަށް ވެސް އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑް އަދި އޮތީ އެޓީމް ކުޅުނު ހަތަރު މެޗުގެ ތެރެއިން ލިބުނު ހަތް ޕޮއިންޓާ އެކު ހަތަރު ވަނަ މަގާމް ގައެވެ.