17 Sep 2013, 22:02
މި މަހު 7 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ބޭނުން ކުރި ވޯޓު ކަރުދާހާ ދާދި އެއްގޮތަށް ޕްރިންޓްކޮށްފައިވާ ލިޔުންތަކެއް ގދ. އަތޮޅު މަދަރުސާގެ ފާޚާނާގެ ސީލިންގު ތެރެއިން ފެނިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން މިރޭ ވިދާޅުވީ ވޯޓު ކަރުދަހާ ދާދި އެއްގޮތަށް ޕްރިންޓްކޮށްފައިވާ ކަރުދާސްތަކެއް، ގައްދޫގައި ހުންނަ އަތޮޅު މަދަރުސާގެ ދަރިވަރުންގެ ފާޚާނާގެ ސީލިންގުގެ ތެރެއިން ފެނުނީ މިއަދުގެ ވަގުތެއްގައި ސްކޫލް ދަރިވަރުންނަށް ކަމަށެވެ.
"ސްކޫލްކުދިން ފާޚާނާ ތެރެއަށް ވަދެ ސަކަރާތްޖަހަން އުޅުމުގެ ތެރޭގައި ފާޚާނާގެ ސީލިންގުގައި ޖެހުމުން އެތަނުގައި ހުރި ލޯވަޅަކުން ވެއްޓުނީ ވޯޓު ކަރުދާހާ ދާދި އެއްގޮތަށް ޕްރިންޓް ކޮށްފައިވާ ކަރުދާހެއް. އެ ކުއްޖާ ގޭގައި ހުއްޓައި ފުލުހުންނަށް އެ މައުލޫމާތު ލިބުމާ ގުޅިގެން އޭނާއާ ސުވާލުކޮށް އިތުރަށް ޗެކްކުރީ،" ރިޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާތްގަނޑަކަށް 16 ވަރަކަށް ކަރުދާސްކޮޅު ފެނުނު ކަމަށާއި ރިޔާސީ އިންތިޚާބުގައި ބޭނުން ކުރި ވޯޓު ކަރުދާހާ ޚިލާފަށް އެ ކަރުދާހުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ފޮޓޯގެ ބަދަލުގައި ޖަހާފައި ވަނީ ޕާޓީގެ ލޯގޯ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ގދ. އަތޮޅު މަދަރުސާ ހިމެނޭ ސަރަހައްދު ބަންދުކޮށް އެ ސްކޫލްގެ އެކި ތަންތަން ފުލުހުން ބަލައި ފާސް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓު އެ ކަރުދާސްތަކުގައި އެކި އެކި ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ގަލަމުން ފާހަގަ ޖަހާފައިވާ އިރު ބާތިލު ވޯޓު ކަރުދާސްތަކެއް ވެސް ހުރި ކަމަށެވެ.
އެ މައްސަލައާ ބެހޭ ގޮތުން ފުލުހުންނާ ގުޅާލުމުން މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ގދ. އަތޮޅު މަދަރުސާ ހިމެނޭ ސަރައްދު ބަންދުކޮށް އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދިނެވެ.