އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުވެއިތު ސްޕޯޓްސް ކްލަބް އަތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް 7-2 އިން ބަލީވީ މެޗުގެ ފުރަތަމަ ހާފްގައި ގޯސްތަކެއް ހެދުމުގެ ސަބަބުން ކަމަށް ނިއުގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވެއްޖެ އެވެ.

ނިއުގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ގަލޮޅު ދަނޑުގައި އެޓީމު ކުޅުނު މެޗުގެ 2 ވަނަ މިނިޓުގައި ކުވޭތު ޓީމުން ވަނީ ނިއުގެ ގޯލް ހުޅުވާލާފަ އެވެ. އަދި ފުރަތަމަ ހާފް ނިމުނު އިރު ކުވޭތު ސްޕޯޓްސް އިން ވަނީ ނިއު ކޮޅަށް 6 ލަނޑު ޖަހާފަ އެވެ. މެޗުގައި ނިއު އިން ކާމިޔާބު ކުރި ދެލަނޑުވެސް ފަހު ހާފުގައި ޖަހާފައިވާއިރު ކުވޭތު ސްޕޯޓްސްގެ ފަހު ލަނޑުވެސް ކާމިޔާބު ކުރީ ފަހު ހާފުގަ އެވެ.

"ހަގީގަތުގައި މެޗު ފެށިގެން މިދިޔައީ އަޅުގަނޑުމެން އުންމީދު ކުރިގޮތާ މުޅިން ހިލާފަށް. ގާތްގަނޑަކަށް ފުރަތަމަ 20 މިނިޓް ތެރޭގައި އެޓީމުން ވަނީ އަޅުގަނޑުމެން ކޮޅަށް 3 ލަނޑު ޖަހާފައި. ދެން އަޅުގަނޑުމެން މެޗު ފެށި އިރުވެސް ޑިފެންސިވް ގޭމެއް ކުޅޭގޮތަކަށް ނޫން ކޯޗުގެ ރޭވުން ހުރީކީ. އަޅުގަނޑަށް ހީވަނީ ފުރަތަމައިނުން ހަމަ ތަންކޮޅެއް ބޮޑަށް ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ގެއްލިގެން ދިޔަ ދަނޑިވަޅެއްގައި އެޓީމުން އޭގެ ފައިދާ ނަގާފައި މިވަނީ،" އަންވަރު ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ ޓެކްނިކަލް ގޮތުންނާއި އަދި ފިޒިކަލް ގޮތުންވެސް ދެޓީމުގެ ދެމެދުގައި ތަފާތުތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް މިއަދުގެ މެޗުގައި ނިއުގެ އަސްލު ގޭމް ކުޅެވުނު ނަމަ މިހާ ތަފާތު ބޮޑު ނަތީޖާއެއް ނު ނިކުތީސް ކަމަށެވެ.

"ޓެކްނިކަލީ އަދި ފިޒިކަލީ ހުރި ތަފާތުތަކެއް ދެ ޓީމުތެރޭގައިވެސް އެބަހުރި،. އެހެން ނަމަވެސް އަޅުގަނޑުމެން އާންމުކޮށް ކުޅޭ ގޭމް ކުޅެވުނު ނަމަ އެއީ ނުހިފެހެޓޭވަރު ބައެއް ނޫންކަން ދެވަނަ ހާފްގައި އަޅުގަނޑުމެން ޓީމުން ސާބިތު ކޮށްދީފި. އެއީ ދެވަނަ ހާފްގައި 2-1 އިން ލީޑް މިކުރީ ނިއުރޭޑިއަންޓުން،" އަންވަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ފުރަތަމަ ހާފްގައިވެސް މިގޮތަށް ކުޅެވުނު ނަމަ މިފަދަ ނަތީޖާއެއް ނުކުންނާނެ ކަމަކަށް ގަބޫލެއް ނުކުރަން."

މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި ރެފްރީއާ ދިމާއަށް ކުޅިވަރުގެ ރޫހާ ހިލާފް ބަހެއް ބުނުމުން ނިއުގެ ކޯޗް ވެލިޒާ ޕޮޕޯފް ވަނީ، ބެންޗުން ފޮނުވާލާފަ އެވެ. އަދި ފަހު ހާފްގައި ކުވޭތު ކުޅުންތެރިއަކާ ނިއުގެ މުހައްމަދު އުމޭރުއާ ދޭތެރޭ ހިނގި ހަމަ ނުޖެހުމެއްގެ ސަބަބުން ރެފްރީ ވަނީ އެ ދެކުޅުންތެރިންނަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

އަންވަރު ވިދާޅުވީ ފުރަތަމަ ލެގުގައި މިފަދަ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވިކަމުގައިވީ ނަމަވެސް ކުވޭތުގައި ކުޅޭ ދެވަނަ ލެގުގައި މިއަށްވުރެ ނަތީޖާ ރަނގަޅު ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"ދަތުރެއް ކޮށްފައި އަޅުގަނޑުމެން މިދަނީކީ އުންމީދެއް ނެތިއެއް ނޫން. އިރާދަ ކުރެއްވިއްޔާ ކުވޭތުގަ ކުޅޭ ލެގުގެ މެޗަށްވެސް އަޅުގަނޑުމެން ފުރާނީ ރަނގަޅު ނަތީޖާއަކަށް އުންމީދު ކޮށްގެން،" އަންވަރު ވިދާޅުވި އެވެ. "އެކަމަކު އެކޮޅަށް ދާއިރު އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކަށް މިވަނީ ކާޑު ދައްކާފައި. އެހެން ނަމަވެސް އެވަރުގެ އެހެން ކުޅުންތެރިއަކު އެތަނަށް ނެރެ، މިހާރު މިއޮތް ތަފާތު ވަރަށް ބޮޑުތަން ކުޑަކުރެވޭތޯ ބަލާނަން."

އޭފްސީ ކަޕްގެ ކުއާޓާފައިނަލްގައި ކްވޭތު ސްޕޯޓްސްއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ބައްދަލު ކުރާ ދެވަނަ ލެގުގެ ކުޅުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ކުވޭތުގަ އެވެ.