17 Sep 2013, 16:59
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ މެމްބަރުންގެ އަދަދު 20،000 އަށް ވުރެ ދަށަށް ވެއްޓިއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އާއްމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުގައި މި އަހަރުގެ މާޗް މަހާ ހަމައަށް އެ ޕާޓީގައި ތިބީ ޖުމްލަ 20529 މެމްބަރުންނެވެ. ނަމަވެސް އެ އަދަދު މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ވަނީ 19308 އަށް ވެއްޓިފަ އެވެ.
މީގެ އިތުރުން 20،000 މެމްބަރުންނަށް ވުރެ އިތުރަށް މެމްބަރުން ތިބީ ހަމައެކަނި އެމްޑީޕީ އާއި ޕީޕީއެމްގަ އެވެ.
އެމްޑީޕީގައި މިހާރު ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 43277 ކަމަށާއި މި އަހަރުގެ މާޗް މަހު އެ ޕާޓީގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަކީ 43841 މެމްބަރުން ކަމަށް ވެސް ތަފާސް ހިސާބުތައް ދައްކަ އެވެ. އެހެން ކަމުގައިވާ ނަމަ ހަތް މަސް ދުވަހުގެ ތެރޭގައި އެމްޑީޕީން 564 މެމްބަރުން ވަނީ މަދުވެފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ކަމަށް ދައްކަނީ ޕީޕީއެމްގަ އެވެ. އެ ޕާޓީގައި މިދިޔަ މާޗް މަހާ ހަމައަށް 22678 މެމްބަރުން ތިބި އިރު މިހާރު އެ ޕާޓީގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ 24311 އެވެ. ހަތް މަސް ދުވަހުގެ ތެރޭގައި ޕީޕީއެމަށް ވަނީ 1633 މެމްބަރުން އިތުރުވެފަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ތިން ވަނައިގައި ޑީއާރުޕީ އޮތް އިރު ހަތަރު ވަނަގައި އޮތް ޖުމްހޫރީ ޕާޓީގައި ތިބީ 14330 މެމްބަރުންނެވެ. އަދި ފަސް ވަނަ އޮތް އަދާލަތު ޕާޓީގައި މިހާރު ތިބީ 10408 މެމްބަރުންނެވެ. އަދި އެމްޑީއޭގައި ތިބި ކަމަށް އިލެކްޝަންގެ ދަފްތަރުން ދައްކަނީ 7537 މެމްބަރުންނެވެ. އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިސްބަތްވެވަޑައިގެންނަވާ ގައުމީ އިއްތިހާދު ޕާޓީގައި މިހާރު ތިބީ 5864 މެމްބަރުން ކަމަށް ވެސް އެ ހިސާބުތައް ދައްކަ އެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި އެމްޑީޕީ އަށް 95224 ވޯޓް ލިބުނު އިރު އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އަށް ލިބިފައި ވަނީ 53099 ވޯޓެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ ޖުމްހޫރީ ގުޅުމަށް 50422 ވޯޓް ލިބުނު އިރު ތަސްމީންގެ ޑީއާރުޕީއާ އެކު ރައީސް ވަހީދު ހެއްދެވި ކޯލިޝަނަށް ލިބުނީ 10750 ވޯޓެވެ. އެއީ ޑީއާރުޕީގެ މެންބަރުނަށްވުރެ ދެބައިކުޅައެއްބައި މަދު އަދަދެކެވެ.