ޝަހީބު މީޑިއާ ކޮންސަލްޓަންސީން ހިންގާ ނޫސްވެރިކަމުގެ ފުރަތަމަ ކޯސް 60 ކުދިންނާ އެކު ފަށައިފި އެވެ.


"ޝަހީބު މީޑިއާ ކޮންސަލްޓަންސީ"ގެ ސީއީއޯ މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ މި އަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ކޯހުގައި 60 ކުދިން ބައިވެރިވެފައިވާ ކަމަށާއި އެ 60 ކުދިން ދެ ބެޗަކަށް ބަހައިލައިގެން އިއްޔެ ކޯސް ފަށާފައިވާ ކަމަށެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ކޯހުގައި ކޮންމެ ކުއްޖެއްގެ އަތުން ކޯހުގެ ފީއެއްގެ ގޮތުގައި 2،500 ރުފިޔާ ނަގާފައިވެ އެވެ.


މިޑިއާ ކޮންސަލްޓަންސީ ދިނުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ކުންފުނިން ބުނެފައި ވަނީ މި ކޯސް ކުރިޔަށް ގެންދަނީ އެމްއެންބީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ކަމަށާއި އެ ކޯސް އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. މި ކޯހުގައި ނޫސްވެރިކަމުގެ އަސާސީ ހުނަރުތަކުގެ އިތުރުން، ލިއުންތެރިކަމުގައި ނޫސްވެރިންގެ ދައުރާއި ދިވެހި ނޫސްވެރިކަމަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ކިޔަވައިދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.


ޝަހީބު ވިދާޅުވެފައި ވަނީ މިފަދަ ކޯހެއް އިންތިޒާމް ކުރީ ރާއްޖޭގައި މީޑިއާގެ ވަސީލަތްތައް ގިނަވެ، ނޫސްވެރިންނަށް ވަޒީފާގެ ފުރުސަތު ހުޅުވިފައިވާ މި ދަނޑިވަޅުގައި، ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ހިޔާރުކުރާ ކުދިންނަށާއި ފަށައިގަންނަ ނޫސްވެރިންނަށް މިފަދަ ކޯހެއް މިވަގުތަށް މުހިންމު ކަމަށް ފެނިވަޑައިގެންނެވުމުން ކަމަށެވެ.