17 Sep 2013, 16:49
އެފަދަ މަންޒަރުތައް އާއްމުކޮށް ފެންނާނީ ބިރުވެރި ފިލްމުތަކުންނެވެ. އެހެން ނަމަވެސް ޒިމްބާބްވޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ގައިވިޓްޓޯލް އަށް އެ މަންޒަރު ފެނުނީ ހަމަލޮލުންނެވެ.
އޭނާ އަށް ފެނުނީ އަށް ގަޑިއިރަށް ވުރެ ގިނަ އިރުވަންދެން އޭނާ ނިދާފައި އޮތް އެނދުގެ ދަށުގައި 136 ކިލޯއަށް ވުރެ ބަރު ކިނބުލެއް އޮއްވަ އެވެ.
ކޮންމެ ވަގުތަކު ވެސް ކަށިތަކާ އެކު ހަފައިގެން އޭނާ ކާލެވޭހާ ކައިރީގައި ކިނބޫ އޮތްކަން އޭނާ އަށް އެނގުނީ ހޭލައިގެން ބަދިގެ ތެރޭގައި ހުށްޓައި ކަމަށް، އިނގިރޭސިވިލާތުގެ ޑެއިލީމެއިލް އަށް އެ ވާހަކަ ކިޔައިދެމުން ބުނެފައިވެ އެވެ.
އޭނާ ބުނެފައި ވަނީ އެނދުދަށުގައި ކިނބޫ އޮތްކަން އޭނާ އަށް އެނގުނީ ގޭގައި ގެންގުޅޭ އަންހެނަކަށް އޭތި ފެނިގެން ހަޅޭއް ލަވައި ގަތުމުން ކަމަށެވެ. އޭރު އޭނާ ހުރީ ހޭލައިގެން ގޮސް ބަދިގެ ތެރޭގަ އެވެ.
އޭނާ ބުނެފައި ވަނީ އެންމެ ބިރުގަތް ކަމަކީ ހެނދުނު ހޭލައިގެން އޭނާގެ އެނދުގައި ދެފައި އެލުވާލައިގެން އިން އިރު އޭނާގެ ފައި އޮތީ ކިނބުލުގެ އަނގައާ މަދު ސެންޓިމީޓަރު ކޮޅެއްގެ ދުރުމިނުގައި ކަން އެނގުމުން ކަމަށެވެ.
ވިޓްޓޯލް ހިންގަމުން އަންނަ ހުމާނީ ލޮޖް ނަމަކަށް ކިޔާ ގެސްޓްހަސްގައި އޭނާ ނިދާ އެނދު ދަށަށް ވަދެ އޮތް ކިނބޫ އެތަނުން ނެރުނީ އެކުގައި މަސައްކަތް ކުރާ ބައެއް މީހުންގެ އެހީގަ އެވެ. އެކިނބޫ އެތަނުން ނެރެ، ރައްކާތެރި ކަމާ އެކު ކޯރަށް ދޫކޮށްލެވުނީ އޭނާއާއި އޭނާގެ އެކުވެރިންނަކީ އެކަމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާތީ ކަމަށް އިންޓަވިއުގައި ވިޓްޓޯލް ބުނެފައިވެ އެވެ.