މަތީ ތައުލީމަށް ދޫކުރާ ލޯނު ލިބިފައި ތިބި ބައެއް ދަރިވަރުން ފަހުގެ މަރުހަލާއާ ހަމަ އަށް އަންނަ އިރު ވެސް ލޯނުގެ ފުރުސަތު ބޭނުން ނުކޮށް ތިބޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

މިއަދު ވެލާނާގޭ އޮފީސް އިމާރާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ ވިދާޅުވީ ލޯނު ލިބުމުން އެ ލޯނުގެ ބޭނުންނުކޮށް ތިބެފައި އައު ލޯނަކަށް ހުޅުވާލުމުން ބައެއް ދަރިވަރުން ބޭނުން ވަނީ އައު ލޯނަށް ކުރިމަތިލުމަށް ކަމަށެވެ. އެހެންނަމަވެސް ކުރިން ލިބިފައިވާ ލޯނު ބާތިލުނުކޮށް އެހެން ލޯނަކަށް ކުރިމަތި ލައިފިއްޔާ އޮޓޮމެޓިކޮށް ބާތިލު ކުރެވޭނެ ކަމަށެވެ.

"ބައެއް ދަރިވަރުން ފަހުގެ މަރުހަލާއާ ހަމައަށް އަންނަ އިރުގައި ވެސް ލޯނުގެ ފުރުސަތު ބޭނުން ނުކޮށް އެބަތިބޭ. އެހެން ތިބެފައި އަނެއްކާ ވެސް އަޅުގަނޑުމެން އައު ލޯނުގެ ފުރުސަތު ހުޅުވާލުމުން އައު ލޯނަށް ކުރިމަތި ލާން ބޭނުންވޭ،" އާމިނަތު ވިދާޅުވި އެވެ.

ކުރީގެ ލޯނު ބާތިލު ނުކޮށް އެހެން ލޯނަކަށްލާ ނަމަ އެ ފޯމު ގަބޫލު ނުކުރެވޭނެ ކަމަށް އާމިނަތު ވިދާޅުވި އެވެ.
އަދި އެހެން ލޯނަކަށް ފޯމު ލުމުގެ ކުރިން ލިބިފައިވާ ލޯނި ބާތިލު ކުރުމަށް އެދިއްޖެ ނަމަ އެކަން ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިމަނަތު އިތުރަށް ވިދާޅުވީ ލޯނު ފައިސާ ދޫކުރުމަށް ފަހު ކޯސް އަދި ކިޔަވާ ގައުމާއި ޔުނިވާސިޓީ ބަދަލުކުރުމުން އެ މިނިސްޓްރީ އަށް ވަރަށް އުނދަގޫވާ ކަމަށެވެ. އަދި ލޯނު ފައިސާ ދުކުރުމަށް ފަހު ކޯސް، ގައުމާއި ޔުނިވާސިޓީ ބަދަލު ކުރުމުން ކުރިން އެ މިނިސްޓްރި އިން ދަރިވަރުންނަށް ދޫކޮށްފައިވާ ފައިސާ ބެންކް އޮފް މޯލްޑިވްސް އަށް ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓާޝަރީ ލޯން ސުކީމްގެ ދެވަނަ ބުރުގައި ލޯނަށް އެދި ހުށަހަޅާ ފޯމްތައް މިމަހުގެ ނިޔަލަށް ބަލައިގެންނާނެ ކަމަށެެވެ.