17 Sep 2013, 20:23
އުމުރުން 18 އަހަރު ނުފުރޭ މީހުންގެ އުފަންތާރީޚު ބަދަލުކޮށް 18 އަހަރު ފުރުނުކަމަށް ހަދައި ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ ކަމަށް ޖުމްހޫރީ ޕާޓީއާއި ދައުލަތުގެ ބަންޑާރަ ނާއިބް ވިދާޅުވެއްޖެ އެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ 18 އަހަރު ނުފުރޭ 41 ކުއްޖެއްގެ ނަން އުފަންތާރީޚު ބަދަލުކޮށްގެން ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.
ހަސަން އެގޮތަށް ވިދާޅުވި ނަމަވެސް އެ މައްސަލައިގެ ތެރެއަށް ތަދައްޙުލްވެފައިވާ ދައުލަތުގެ ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އުމުރު ބަދަލުކޮށްގެން 18 އަހަރު ފުރުނުކަމަށް ހަދައި ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައި ވަނީ 39 ކުއްޖެއްގެ ނަން ކަމަށެވެ. ނަމަވެސް ޑިޕާޓްމަންޓް އޮފް ނޭޝަލް ރަޖިސްޓްރޭޝަންގެ ލިސްޓަށް ބަލާއިރު އެ 39 ކުދީންނަށް 18 އަހަރު ނުފުރޭ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ވަކާލާތު ކުރެއްވި ގާސިމް އިބްރާހީންގެ ރަނިންމޭޓް ހަސަން ސައީދު ވިދާޅުވީ 102 މީހެއްގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި ތަކުރާރުކޮށް ހިމަނާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަކު ދެ ފަހަރު ވޯޓުލާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށާއި އެ ހެކިތައް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ބަންޑާރަ ނާއިބް އާޒިމާ ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓުގައި ހިމެނިފައިވާ 1800 އަށް ވުރެ ގިނަ މީހުންގެ އައިޑީކާޑް ހަދާދީފައިނުވާ ކަމަށެވެ.
ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 746 މީހެއްގެ ޖިންސް ބަދަލުކޮށްފައިވާއިރު 1627 މީހެއްގެ ނަން ދިމާނުވާ ކަމަށް ވެސް ބަންޑާރަ ނާއިބް އާޒިމާ ވިދާޅުވި އެވެ.
ބަންޑާރަ ނާއިބް ވިދާޅުވީ އެއްވެސް ގޮތަކަށް އައިޑީކާޑް ހަދާފައިނުވާ 1600 އަށް ވުރެ ގިނަ މީހުންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައިވާއިރު ހަތަރު ވޯޓު ފޮއްޓަށް ވޯޓުލާފައިވާ މީހުންގެ އަދަދަށް ބަލާއިރު އެ ފޮށިތަކަށް ވޯޓުލާން ޖެހޭ އަންހެނުންގެ އަދަދާއި ފިރިހެނުންގެ އަދަދު ދިމާނުވާ ކަމަށެވެ.
އިންތިޚާބު ބާތިލް ކުރުމަށް ބަންޑާރަ ނާއިބް އެދިވަޑައިގެންފައެއް ނުވެއެވެ.
އެމަނާ ވިދާޅުވީ އިންތިޚާބަށް ދިޔުމުގެ ކުރިން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަ ނާއިބްގެ އޮފީހުން ފާހަގަ ކުރެއްވި ކަންތައްތައް އިސްލާހު ކުރަންޖެހޭނެ ކަމަށެވެ.
ގާނޫނޫ އޮންނަ ގޮތުން އިލެކްޝަނާ ބެހޭ މައްސަލަތައް ތަހުގީގު ކުރެވޭނީ އިލެކްޝަންސް ކޮމިޝަނގެ މެދުވެރިވެގެން ކަމަށާއި ނަމަވެސް ތަހުގީގު ކުރުމަށް ހުރި ހުރަސްތަކެއްގެ ސަބަބުން އިންތިޚާބުގައި ހިނގާފައިވާ މައްސަލަތައް މިހާތަނަށް ތަހުގީގު ކުރެވިފައި ނުވާ ކަމަށް ވެސް ބަންޑާރަ ނާއިބް ވިދާޅުވި އެވެ.
އިންތިޚާބުގައި ހިނގާފައިވާ ގާނޫނާ ޚިލާފު ކަންކަން ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ޕްސެކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް ބަންޑާރަ ނާއިބް ވަނީ އެދިވަޑައިގެންފަ އެވެ.
ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި ހަވާލާދީ އާޒިމާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އައިޓީ ސިސްޓަމް ހެކްކޮށްފައިވާކަމަށާއި އެހެންކަމުން އެކަން ހިނގިގޮތް ބަލައި ޗެކްކުރުމަށް އެންސީއައިޓީން އެދުމުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް އިޖާބަދީފައި ނުވާކަމަށް ވެސް ބަންޑާރަ ނާއިބް ވިދާޅުވި އެވެ.
އެ މައްސަލައިގެ ތެރެއަށް ތަދައްޙުލްވެފައިވާ ޕީޕީއެމްގެ ވަކީލު އަހްމަދު ޒަނީން އާދަމް ވިދާޅުވީ އިންތިޚާބުގެ ސައްޚަ ކަމާ މެދު ގިނަ ރައްޔިތުންގެ މެދުގައި ސުވާލު އުފެދިފައިވާތީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސައްޚަ ނޫން ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
ޒަނީން ވިދާޅުވީ ހއ. ހޯރަފުށީގައި ވޯޓުލާންޖެހޭ ބައެއް މީހުންނަށް ނޭނގި އެކި ވޯޓު ފޮށިތަކަށް އެމީހުން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ އިލެކްޝަންސް ކޮމްޕްލަޔަންސް ބިއުރޯ އަށް އެޕާޓީން ހުށަހެޅުމުން އެތަނުން އެކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލަ ތަހުގީގު ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާނެ ކަމަށް ކޮމްޕްލަޔަންސް ބިއުރޯ އިން ބުނެފައިވާ ކަމަށް ވެސް ޒަނީން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސްނުއްސުއޫދު ވަނީ ޖުމްހޫރީ ޕާޓީން ހުށަހެޅި މައުލޫމާތުތައް ސައްޚަ ނޫން ކަމަށް ވިދާޅުވެ ތަފްސީލުކޮށް ވާހަކަދައްކަވާފަ އެވެ.
ސުއޫދު ވިދާޅުވީ އެ ދައުވާ ކޮށްފައި ވަނީ ވަހުމެއްގެ މައްޗަށް ބިނާކޮށް ކަމަށާއި 18 އަހަރު ނުފުރޭ މީހުން ކަމަށް ބުނާ މީހުންގެ ތެރޭގައި 1950 ވަނަ އަހަރު އުފަންވެފައިވާ ބައެއް މީހުން ހިމެނޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ހުށަހެޅި ކަންކަން ސާބިތު ކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ނެތްކަމަށާއި އަދި އެކަންކަން ސާބިތުވި ނަމަވެސް އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނާނެ ސަބަބެއް ނެތުމުން އިންތިޚާބު ބާތިލް ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނާއި އެ މައްސަލައިގެ ތެރެއަށް ތަދައްޙުލްވެފައިވާ އެމްޑީޕީން ވަނީ އެދިފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ މާދަމާ ވެސް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަމަށެވެ.