17 Sep 2013, 16:14
މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ގައުމީ ހަރަކާތުގެ ޒުވާނުން މިއަދުން ފެށިގެން އިހުތިޖާޖަށް ނުކުތުމަށް ނިންމައިފި ކަމަށް އެ ހަރަކާތުން ބުނެފި އެވެ.
އެހަރަކާތުން މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހިނގާފައިވާ ކަންތައްތަކަށް މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުދޭ ކަމަށެވެ.
ގައުމީ ހަރަކާތުގެ ޒުވާނުންގެ ގޮފީގެ ފަރާތުން މިއަދު ޓްރޭޑާސް ހޮޓެލުގައި ބޭއްވި ބައްދަލުވުމެއްގައި ބުނީ ރާއްޖޭގައި އަބަދުވެސް އިވެމުންދާ އަޑަކީ ނަތީޖާ އޮޅުވާލާ، "ވޯޓު ފޮށި ބަނޑުއަޅާ" ވާހަކަ ކަމަށެވެ. ނަމަވެސް ފެނިގެންދަނީ ކަންކަން މަތީގައި އެ ވާހަކަ ދައްކާލާ ނިންމާލާ ތަން ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ ގައުމީ ހަރަކާތުގެ ޒުވާނުން މަސައްކަތް ކުރަމުން މިދަނީ މިކަމުގައި ޖަވާބުދާރީ ކުރުވަން ޖެހޭ ހުރިހާ ބޭފުޅުން ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކަމަށެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެހަރަކާތުގެ ޒުވާނުން ގޮފީގެ ލީޑަރު ސޮބާހް ރަޝީދު ވިދާޅުވީ ރިޔާސީ ކޮންމެ އިންތިހާބެއްގައި ވެސް ދިވެހިންގެ ތެރޭގައި ޝައްކު އުފެދޭ ކަމަށެވެ. ނަމަވެސް އެ ޝަކުވާތައް ކޮށްލާފައި އަންނަ ފަހަރަކުން ރަނގަޅުވާނެ ކަމުގެ އުއްމީދުގައި ތިބެނީ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެފަދަ ކަންތައްތަކުގައި ރައްޔިތުންގެ ފައިދާއާއި މަންފާ އަށް ބަލާފައި ނުވާ އިރު މިއަހަރުގެ ރިޔާސީ އިންތިހާބުގުގެ ފުރަތަމަ ބުރުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގައި ރައްޔިތުންނަށް އެދެވޭ ހައްލެއް ލިބެންދެން ގައުމީ ހަރަކާތުން މަސައްކަތް ކުރާނެ ކަމަށާއި ޖަވާބެއް ނުލިބެނީސް ގެއަށް ނުވަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އިންތިހާބުގެ ފުރަތަމަ ބުރުގައި އުފެދުނު ޝައްކުތަކަށް ހައްލެއް ނުހޯދާ ދެވަނަ ބުރު ބޭއްވިގެން ނުވާނެ ކަމަށް ވެސް ސޮބާހް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ އިވެންޓް ކޯޑިނޭޓަރު އަހުމަދު ގާލިބް ވިދާޅުވީ މި އިހްތިޖާޖުގެ ބޭނުމަކީ އިލެކްޝަންސް ކޮމިޝަން ބޭޒާރު ކުރުވުން ނޫން ކަމަށާއި ނަމަވެސް އެކޮމިޝަނާ ދޭތެރޭ ރައްޔިތުންނާ ދޭތެރޭ އިތުބާރު އުފެއްދުން ކަމަށެވެ. އަދި މިކަމަކީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ބުނެގެން ކުރާ ކަމެއް ނޫން ކަމަށާއި ނަމަވެސް މިކަމުގައި ސިޔާސީ ޕާޓީތަކުން ބައިވެރިވުމަށް ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ގައުމީ ހަރަކާތުންވަނީ ޖުމްހޫރީ ގުޅުމުން އިލެކްޝަން ކޮމިޝަނާއި ދޭތެރޭ ހުށަހަޅާފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށް އިލެކްޝަން ކޮމިޝަންއަށް ފާޑުވިދާޅުވެފަ އެވެ.