17 Sep 2013, 15:44
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ ސީއީއޯ ޑރ. އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މިއަދު އިސްތިއުފާ ދެއްވީ އިދިކޮޅު އެމްޑީޕީ އަށް ސޮއި ކުރެއްވިތާ 24 ގަޑި އިރު ވެސް ނުވަނީހެވެ.
ކުރިން ރައީސް ވަހީދުގެ ގައުމީ އިންތިހާދުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި އަދުހަމް މިއަދު އިސްތިއުފާ ދެއްވީ ހުޅުމާލޭ ފެރީތަކެއް އޮޕަރޭޓް ކުރުމަށް މައްސަލަތަކެއް ދިމާވެފައި ވަނިކޮށެވެ.
"ސަން" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަދުހަމް ވިދާޅުވީ އޭނާ އެމްޑީޕީ އަށް ސޮއި ކުރެއްވީ އޭނާ އަކީ އަބަދުވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވާ މީހެއް ކަމަށާއި އަދި މިވަގުތު އެންމެ އެދެވޭ ގޮތެއްގައި ގައުމަށް ހިދުމަތް ކުރެވެން އޮތީ އެމްޑީޕީ އާ ގުޅިގެން ކަމަށް ވާތީ ކަމަށެވެ.
އޭނާ ރޭ ވިދާޅުވީ އޭނާ އެމްޑީޕީ އަށް ސޮއި ކުރިއަސް އެމްޓީސީސީގެ ވަޒީފައި ހުންނަވާނެ ކަމަށެވެ. ނަމަވެސް ކުއްލި ގޮތަކަށް އޭނާ ވަޒީފާ އިން ވަކިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.