17 Sep 2013, 15:20
ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިނގުމަށް ބިން ދޫކުރުމަށް ހައުސިން މިނިސްޓްރީން ހަމަޖައްސައިފައި ވަނީ ހުޅުމާލެ އިން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ހުޅުމާލެ އިން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދާ މުޅިން ވަކިން އޮންނަ ސަރަހައްދަކުން ކަމަށާއި އެ ބިންތައް ޕާޓީތަކާ ހަވާލުކުރާނީ ބިންތައް ބޭނުން ކުރާނެ ގޮތުގެ އުސޫލުތަކެއް ހައުސިން މިނިސްޓްރީން ކަނޑައެޅުމަށް ފަހު ސިޓީ ކައުންސިލަށް އެންގުމުން ކަމަށެވެ.
"ޕާޓީތަކަށް ދޫކުރާ ބިންތައް ދޫކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދަކީ އަދި އާބާދު ނުވާ ސަރަހައްދެއް. އެއް ސަރަހައްދަކުން ބިންތައް ދޫކުރާނީ. އެ ސަރަހައްދުގައި މަގުގެ ދެ ފަރާތަކަށްވާ ގޮތަށް ބިންތައް ދޫކުރަމުން ގެންދާ ގޮތަށް ނިންމާފައި އޮތީ،" ސުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ޕާޓީއަކަށް ދޫކުރާނީ 1000 އަކަފޫޓުގެ ބިން ކަމަށެވެ.
ހުޅުމާލެ އިން ޕާޓީތަކަށް ދޫކުރުމަށް ހަމަޖައްސައިފައިވާ ބިންތައް ދޫކުރުމަށް ހަމަޖައްސައިފައި ވަނީ އަކަފޫޓަކަށް އެއް ރުފިޔާގެ ރޭޓަކުން މަހަކު 1000 ރުފިޔާ އަށް ކަމަށާއި ބިންތައް ދޫކުރާނީ ބިމަށް އެދި ހުށަހަޅާ ޕާޓީތަކުގެ ތެރެއިން ޝަރުތު ހަމަވާ ޕާޓީތަކަށް އެކަނި ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕާޓީގެ ހަރަކާތްތައް ހިނގުމުގެ ޝަރުތުހަމަވާ އޮތީ ދެ ޕާޓީ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި 20،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކުގެ އޮފީސް ހިންގުމަށާއި ޕާޓީ ހަރަކާތްތަކަށް 1،000 އަކަށްފޫޓުގެ ބިމެއް މާލެއިން ދޭން ވާނެ އެވެ.