ވޯޓުލީ މީހުންގެ ލިސްޓް ބެލުމުގެ ފުރުސަތު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓާއި އެ ކެންޑިޑޭޓް ކަނޑައަޅާ މަންދޫބުންނަށް ބަލަން ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ، އިލެކްޝަންސް ކޮމިޝަނުގައި ވޯޓުލީ މީހުންގެ ލިސްޓް ބާއްވައިގެން ޖޫމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި އެ ކެންޑިޑޭޓް ކަނޑައަޅާ މަންދޫބުންނަށް ވޯޓުލީ މީހުންގެ ލިސްޓް ބެލުމުގެ ފުރުސަތު ދިނުމަށް ހުކުމްކުރާ ކަމަށެވެ.

"ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ލިސްޓް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ނުވަތަ އެ ކެންޑިޑޭޓު ކަނޑައަޅާ އެކަށީގެންވާ ޢަދަދެއްގެ މަންދޫބުންނަށް ބެލުމުގެ އިންތިޒާމު ހަމަޖައްސައިދީ، ޖުމްހޫރީ ޕާޓީ އަށް އުފެދިފައިވާ ޝައްކުތައް ފިލައިގެންދާ ފަދަ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެކަމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އަންގައި، ހައިކޯޓުން ޙުކުމް ކޮށްފިން،" ހައި ކޯޓްގެ ހުކުމް އިއްވަމުން އިސްފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ އެގޮތަށް ނިންމީ ވޯޓުލީ މީހުންގެ ލިސްޓުގެ ކޮޕީ ނުދީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނަށް ހާޒިރުކޮށްގެން އެ ލިސްޓު ބެލުމުގެ ފުރުސަތުދީފި ނަމަ ކިހިނެއްވާނެތޯ ފަނޑިޔާރުން ދެންނެވުމުން ޖުމްހޫރީ ޕާޓީންނާއި އިލެކްޝަންގެ ވަކީލު ވެސް ވަނީ އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އެކަމަށް އެއްބަސްވެފަ އެވެ.

އެހުކުމަށް ފަހު ހައިކޯޓް އިން ނުކުންނެވި ވަގުތު ކޮމިޝަންގެ މެންބަރު އަލި މަނިކު އާއި ނޫސްވެރިން ސުވާލުކުރުމުން އެބޭފުޅާ ވިދާޅުވީ "އަދި ނެތް އެއްޗެކޭ ބުނާކަށް" ކަމަށެވެ.

ޖުމްހޫރީ ޕާޓީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ހަލީމް އަލީ ވިދާޅުވީ ހުކުމް އިއްވިގެންދިޔައީ އެ ޕާޓީ އިން ބޭނުންވާ ގޮތަށް ކަމަށެވެ.