މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް އިން މިދިޔަ އަހަރު މާލިއްޔަތު ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން އެމިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއިކޮށް މިއަދު ނެރެފައިވާ ޖެންޑާ މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެމިނިސްޓްރީން ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާއަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ކުޑަކުދިނަށާއި ބަލި މީހުންނަށް ބޭނުންވާ ތަކެތި ގަތުމުގައި މާލިއްޔަތު ގަވައިދާ ހިލާފްވެފައިވާ ކަމަށެވެ.

"ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެވްރެޖްކޮށް މަހަކު 275000ރ. އަދި ކުޑަކުދިންގެ ހިޔާއަށް އެވްރެޖްކޮށް މަހަކު 125ރ. ގަނޑުކޮށް ނަގާ ތިޖޫރީގައި ބަހައްޓަފައިވޭ. މިގޮތަށް ފައިސާ ނަގައިގެން ހަރަދުކުރާ އިރު އެއްފަހަރާ ގަންނަ ތަކެތީގެ އަގު 1000ރ. އަށް ވުރެ ބޮޑުވި ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 8.09 ވަނަ މާއްދާއާއި އެއްގޮތަށް ތިން ފަރާތުން އަގު ހޯދާފައި ނުވޭ،" އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެރިޕޯޓްގައި ބުނެފައި ވަނީ ހާއްސަ އެހީއަށް ބެނުންވާ މީހުންގެ މަރުކަޒަށް ގެންދާ ބަލިމީހުންގެ ތެރެއިން ނިޔާވެފައިވާ ފަރާތްތަކުގެ ފައިސާ މަރުކަޒުގެ ތިޖޫރީގައި ބަހައްޓާފައިވާ ކަމަށެވެ. އެގޮތުން 20983ރ. ހަވާލުނުކޮށް އެމަރުކަޒުގެ ތިޖޫރީގައި ބަހައްޓަފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެމަރުކަޒުގައި ތިބޭ ބަލި މީހުންނަށް ސިއްހީ ފަރުވާހޯދުމަށް އާސަންދަ ހިދުމަތް ނުހޯދައި މަރުކަޒުގެ ބަޖެޓުން ހަރަދުކޮށްފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެރިޕޯޓްގައި ބުނެފައިވަނީ އެމަރުކަޒުގައި ތިބޭ 65 އަހަރުން މަތީގެ ބަލިމީހުންގެ ތެރެއިން ބައެއް މީހުނަނަށް ޕެންޝަނާބެހޭ ގާނޫނާއި ހިލާފަށް އަސާސީ ޕެންޝަންގެ ގޮތުގައި 148220ރ. ދީފައިވާ ކަމަށެވެ.

އެރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި 2008 އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ އެކިއެކި ބިލްތަކަށް 2012 ވަނަ އަހަރުގެ ބަޖެޓުން ފައިސާ ދައްކާފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މުއައްޒަފުންނަށް މުސާރައާއި އިނާއަތް ދިނުމުގައި އުނިއިތުރު ގެންގުޅެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ވެސް ހަރަދުކުރުމަށް އެންމެ އެކަށީގެންވާ ކޯޑު ނޫން ކޯޑުތަކުން 107168ރ. ހަރަދުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެރިޕޯޓްގައި ވަނީ ގާނޫނާއި ހިލާފަށް ކޮށްފައިވާކަންކަން ފާހަގަކޮށް އެކަން ކަމަށް ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ލަފާއަރުވާފަ އެވެ.

ޖެންޑާމިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި އަދި ވަނީ 2012 ވަނަ އަހަރު ޖެންޑާ މިނިސްޓްރީން މައިގަނޑު ގޮތަކަށް ހަރަދުތައް ކޮށްފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް ބަޖެޓުގެ މަގުސަދު ހާސިލްވާ ގޮތަށް ކަމަށެވެ.