17 Sep 2013, 14:20
ނިމިދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުމަކީ ދިވެހި ސަޕޯޓަރުންނަށް ލިބިގެންދިޔަ ބޮޑު ހިތާމައެކެވެ. މިހާތަނަށް ރާއްޖޭގައި އެކުލަވައިލި އެންމެ ވަރުގަދަ ގައުމީ ސްކޮޑް ހުސްއަތާ އަންނަންޖެހުމުން ދިވެހިންގެ ފޮނި އުންމީދުތައް "ހަބަރަށް" ވުން ކަހަލަ އެވެ. ސަޕޯޓަރުން މޯޅިވެފައި ތިއްބަސް އުންމީދަކަށް އަދި ހުރަހެއް ނެތެވެ. އެފަދަ ކާމިޔާބީއަކާ ދިމާލަށް ގައުމު ގެންގޮސް ދެވޭނޭފަދަ ފަހުރުވެރި ދިވެހި ކްލަބެއް މިއަދު ގަލޮޅު ރަސްމީ ދަނދުގައި ކުޅޭނެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ކުލަބެއް ބައިނަލް އަގްވާމީ މުބާރާތެއްގައި ރަނގަޅު ކާމިޔާބެއް ހޯދުމަކީ، ގައުމީ ފެންވަރުގައި ދިވެހިން ފާހަގަކުރާނޭ ކާމިޔާބެކެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި ދުވަސްވީ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މިއަދު ގަލޮޅު ދަނޑަށް ނުކުންނާނީ ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބެއް ދިވެހި ފަސް ގަނޑުގައި ދިވެހިންނަށް ހޯދައިދިނުމަށެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިންނަށް ލިބުނު ހިތްދަތިކަމުގެ ބަދަލު ހިފައި އޭޝިއާ ބައްރުގެ ކްލަބް ފެންވަރުގައި ބާއްވާ އެންމެ ވަރުދަ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕްގައި އެ ކުލަބުން ފަހުރެއް ހޯދާނެ ކަމުގެ އުންމީދު އެބަ އޮތެވެ. މިހާތަނަށް ނިއު ދެއްކި ކުޅުމުން ވެސް އެކަން ކަށަވަރުވެ އެވެ.
އޭއެފްސީ ކަޕް 2009 ވަނަ އަހަރާއި އަދި 2012 ވަނަ އަހަރު ކާމިޔާބު ކުރި ކުވޭތު ސްޕޯޓްސްއާ ދެކޮޅަށް ރާއްޖޭގެ ޗެމްޕިއަން ނިއު، މިއަދު ނުކުންނަނީ އެ މުބާރާތުގައި އެ ޓީމު މީގެ ކުރިން ހޯދާފައިވާ ކާމިޔާބު އަލުން އިއާދަކޮށް، ސިޔާސީ ގޮތުން ބައިބައިވެފައިވާ ދިވެހި ހިތްތަކަށް ކާމިޔާބުގެ އުފާވެރިކަން އަލުން ގެނެސް ދިނުމުގެ އަޒުމާއި އުންމީދުގަ އެވެ.
"މެޗަށް ނުކުންނައިރު އަހަރެމެންގެ އެންމެ ބޮޑު ހަތިޔާރަކަށް ވާނީ ސަޕޯޓަރުން. ސެލަންގޯ އަތުން ވެސް އަހަރެމެން މޮޅުވީ ސަޕޯޓަރުންގެ އެހީގައި. އެހެންކަމުން އަހަރެން އުންމީދު ކުރަނީ، ހަމަ އެ ދަނޑުގައި އެ ސަޕޯޓަރުންގެ އެހީއާއެކު އަދިވެސް އެ ކާމިޔާބު ތަކުރާރުކުރަން،" މެޗަށް ނުކުންނައިރު ސަޕޯޓަރުންގެ މުހިންމުކަމާ ބެހޭގޮތުން އިއްޔެ ނިއުގެ ކޯޗު ބުނެފައިވެ އެވެ.
ދަނޑުމަތީގައި 11 ކުޅުންތެރިން ކުޅެން ތިބި ނަމަވެސް ޓީމެއްގައި "12 ވަނަ ކުޅުންތެރިޔާ" އަކީ ވަރަށް މުހިންމު ކުޅުންތެރިއެކެވެ. ބާރަ ވަނަ ކުޅުންތެރިޔާ މާނަކުރަނީ އެ ޓީމެއްގެ ސަޕޯޓަރުންނަށެވެ. އެހެން ކަމުން ނިއުގެ ކޯޗު ވެސް ފާހަގަކޮށްފައިވާ ގޮތަށް ސަޕޯޓަރުންނަކީ އިދިކޮޅު ޓީމާ ދެކޮޅަށް ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަށް ހެދިއްޖެ ނަމަ، "އަހަރެމެންގެ ދަނޑުގައި އަހަރެމެންނަށް ބަލި ނުކުރެވޭނޭ ޓީމެއް ނޯންނާނެ" އެވެ.
"ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗު ކާމިޔާބު ކުރުމަށް ތައްޔާރުވެގެން. ގަލޮޅު ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭގެ ޓީމުތަކަށް ރަނގަޅު ނަތީޖާ ނެރެވޭނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން،" މެޗާ ބެހޭގޮތުން އިއްޔެ ނިއުގެ ކެޕްޓަން އަދި ހުށިޔާރު ގޯލް ކީޕަރު އިމްރާން މުހައްމަދު (އިންމަ) ބުނެފައިވެ އެވެ.
އޭޝިއާ ބައްރުގެ ގައުމުތަކުގެ ފުޓްބޯޅަ ކްލަބް ތަކުގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ދިވެހިންގެ ނިއު ރޭޑިއަންޓް މިއަދު ނުކުމެ ރަނގަޅު ކާމިޔާބެއް ހޯދައިފި ނަމަ އެކަން ވެގެންދާނީ، ދިވެހި ފުޓްބޯޅައަށް ލިބިގެންދާނޭ ތާރީޚީ ކާމިޔާބަކަށެވެ.
"މި މެޗު ކާމިޔާބު ކުރެވިއްޖެނަމަ އެއީ އަހަރެމެންނަށް ލިބޭނެ ވަރަށް ބޮޑު ފަހުރެއް. އެކަން ވެގެންދާނީ އޭއެފްސީ ކަޕްގައި ފެނިގެންދާނޭ އެންމެ ހައިރާން ކުރުވަނިވި ނަތީޖާއަށް، އަދި ކުވޭތު ފުޓްބޯޅައިގައި އެ މީހުންނަށް ލިބޭނެ އެންމެ ބޮޑު ލަދަށް،" ނިއުރޭޑިއަންޓަށް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު މިފަހަރުގެ ދިވެހި ލީގު ކާމިޔާކޮށްދިން ކާމިޔާބު ކޯޗު ބުނެފައިވެ އެވެ.
މިއަދުގެ މެޗާ ބެހޭ ގޮތުން އިއްޔެ ގަލޮޅު ދަނޑުގެ ޕްރެސް ރޫމްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިއުގެ ބަލްގޭރިއާ ކޯޗް ބުނީ، ބޮޑު ތަފާތަކުން ބަލިވެދާނެތީ ފަހަތަށް ޖެހިގެން ކުޅެން އޭނާގެ ޓީމު ނުތިބޭނެ ކަމަށާއި އޭގެ ބަދަލުގައި ދިވެހި ސަޕޯޓަރުން ބަލަން ބޭނުންވާފަދަ ރީތި ކުޅުމެއް ދައްކައި އިދިކޮޅު ޓީމަށް ވަރުގަދަ ރައްދެއް ދެވޭތޯ ބަލާނެ ކަމަށެވެ.
ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މިފަހަރު ގައުމީ ޓީމަށް ލިބުނު ހިތްދަތިކަން އެކަހެރިކޮށް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ކްލަބް ފެންވަރުގައި ނަމަވެސް ފަހުރުވެރި ކާމިޔާބަކަށް ދިވެހިން ތިބީ ފެންބޮވައިގެންފަ އެވެ. ގައުމުގެ އެންމެން އެކަތިގަނޑަކަށް ހެދޭނެ ހަމައެކަނި ފޯމިއުލާ މިއަދު އޮތީ ނިއުގެ މޮޅު ކުޅުންތެރިންގެ އަތުގަ އެވެ. އެ ޓީމަށް ތަރުހީބު ދޭން އަޅުގަނޑުމެން ދިވެހި ސަޕޯޓަރުން މިތިބީ ކެތްމަދުވެފަ އެވެ.
ނިއުގެ ތާރީޚުގައި ވެސް އެންމެ ވަރުގަދަ ސްކޮޑެއް އޮތް އަހަރު ދިވެހި ސަޕޯޓަރުންގެ ތަރުހީބާއެކު، އިރާދަކުރެއްވިޔާ މިފަހަރުގެ އޭއެފްސީ ކަޕް ދިވެހި ފަސްގަނޑަށް ގެނެވިދާނެ އެވެ.