17 Sep 2013, 14:27
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަބަ ބުރު ސުލްހަވެރިކަމާއި އަމާން އޮމާންކޮށް ބޭއްވިފައިވާ ކަމަށާއި ހުރިހާ ޕާޓީއަކުން ވެސް ނަތީޖާ ގަބޫލު ކުރުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ގޮވާލައިފި އެވެ.
ރާއްޖޭގައި ހުންނަވާ ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ވެސް ސުލްހަވެރިކޮށް ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ހުރިހާ ރިޔާސީ ކެންޑިޑޭޓުން ވެސް އިހްތިރާމް ކުރުމަށް ބާންކީ މޫން ގޮވާލައްވާފައިވެ އެވެ.
"ދެވަނަ ބުރުގެ ވޯޓްލުން ވެސް ހަމަ އެފަދައިން ސުލްހަވެރިކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ރެސިޑެންޓް ކޯޑިނޭޓަރް އެދިވަޑައިގަންނަވަ އެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ވަނީ ސުލްހަވެރިކޮށް، އިތުބާރު ކުރެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވޭނެ ކަން ކަށަވަރު ކުރުމަށް ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ކުރިން ގޮވާލައްވާފައިވާ ގޮވާލެއްވުން ތަކުރާކުރާ ކަމަށެވެ.
ޑިމޮކްރަޓިކް އަދި ހަމަޖެހުން އޮތް ގައުމެއްގެ ގޮތުގައި އޮތުމަށް ޔޫއެން އިން އެހީތެރިވެދޭނެ ކަމަށް ބުނެފައިވާ ބުނުން މިއަދުގެ ބަޔާނުގައި ތަކުރާރުކޮށްފައިވެ އެވެ.