17 Sep 2013, 14:06
ސިޔާސީ ބައެއް ޕާޓީތަކުން ޖުޑިޝަރީ އަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ބުނެ އެކަން ހުއްޓުވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަވަހަށް ފެށުމަށް އެދި އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު މެދުވެރިކޮށް ރައްޔިތުންގެ މަޖިލިސް އަވަހަށް ފެށުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ވީ އެންމެ އަވަހަކަށް މަޖިލިސް ފެށުމަށް މަގުފަހި ކުރުވުމަށެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާފައި ނިންމުން ޖުޑިޝަރީތެރެއިން ބަދަލު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ބާރު ކެނޑޭ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދިނުމަށް ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެ ޕާޓީން ބުނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކުރި ހޯއްދަވާފައިވާ ކަމަށާއި ރައްޔިތުންގެ ނިންމެވުން ބޮލާލައިޖެހުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ގައުމީ މަޖިލީހުން ނިންމި ނިންމުންތަކާ ބެހޭ ގޮތުން އެމްޑީޕީގެ ސްޕޯކޮސް ޕާސަން އިންތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ގައުމީ މަޖިލީހުން މިއަދު ނިންމި ހުރިހާ ނިންމުމެއް ވެސް ނިންމާފައި ވަނީ ގައުމީ މަޖިލީހަށް ހާޒިރުވި ހުރިހާ މެންބަރުން ވޯޓް ދެއްވައިގެން ކަމަށެވެ.
މިއަދު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ޗެއާކޮށްފައި ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.