17 Sep 2013, 12:48
މާލެ އާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ ފެރީތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ބައެއް ފެރީތަކުގެ ދަތުރުތައް މިއަދު މެދުކަނޑާލުމަށް ފަހު އަލުން ފަށައިފި އެވެ.
މިއަދު ހެނދުނު ފެރީތަކުގެ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން މާލެއަށް ދަތުރުނުކުރެވި ގިނަ އަދަދެއްގެ ބަޔަކު ތާށިވެ، ޓާމިނަލް ތެރޭގައި ތިބެންޖެހުނެވެ.
އެމްޓީސީސީގެ ސީއީއޯ އަހުމަދު އަދުހަމް އަބުދުﷲ މިއަދު ވިދާޅުވީ އެ ގަޑީގައި ބައެއް ފެރީތައް ދަތުރުކުރުން ހުއްޓާލުމުން އިތުރުފެރީތަކެއް ބޭނުން ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު ދިމާވި މައްސަލަ ހައްލުވެ ކުރިއެކޭ އެއްގޮތަށް ފެރީގެ ދަތުރުތައް ފަށާފައިވާ ކަމަށެވެ.
އަދުހަމް ވިދާޅުވީ މާލެ، ހުޅުމާލެ ބައެއް ފެރީތަކުގެ ދަތުރުތައް މެދުކަނޑާލީ ފެރީތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރުމުން ކަމަށެވެ.
"ހަމައެކަނި ހުޅުމާލެ ފެރީތަކުގެ ޕޭމަންޓް ޑިއުވެގެން ދިޔައީ. ވިލިމާލެ ފެރީތަކަކަށް އެ މައްސަލަ ދިމައެއްނުވޭ،" އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ދިމާވީ ސަރުކާރުން އެމްޓީސީސީ އަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ ކަމަށެވެ. ނަމަވެސް އެ ފައިސާ މިހާރު ސަރުކާރުން ދައްކާފައިވާ ކަމަށް ވެސް އަދުހަމް ވިދާޅުވި އެވެ.
ސަރުކާރުން އެމްޓީސީސީ އަށް ދައްކަން ޖެހެނީ ކިހާ ފައިސާއެއްތޯ ސުވާލުކުރުމުން އަދުހަމް ވިދާޅުވީ އެދަދު ހާމަކުރެވެން ނެތް ކަމަށާއި ނަމަވެސް ސަރުކަރުން "ވަރަށް ބޮޑު" އަދަދެއް ދައްކަން ޖެހިފައިވާ ކަމަށެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވަނީ ސަރުކާރުން އެކުންފުންޏާ ހަވާލުކުރާ ބަނދަރު ހެދުމުގެ ޕްރޮޖެކްޓް ތަކުންނެވެ. ސަރުކާރުގެ އެފަދަ މަސައްކަތްތައް ބިޑުކުރުމެއް ނެތި ހަވާލުކުރާ ކުންފުންޏަކީ އެމްޓީސީސީ އެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ތެރޭ ވަނީ ބިޑް ކުރުމެއްނެތި 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ހުޅުމާލޭ ފެރީތައް ހުއްޓުމަކަށް އައީ އަދުހަމް އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރެއްވިތާ 24 ގަޑި އިރު ވެސް ނުވަނީހެވެ.