17 Sep 2013, 12:01
އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށް ވަކާލާތުކުރުމުން ތާލިބާނުން ހަމަލާދީ ޒަހަމްކޮށްލި، ޕާކިސްތާނުގެ މަލާލާ ޔުސުފްޒާއީ އަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ "އެމްނެސްޓީ"ގެ އެންމެ ޝަރަފުވެރި އެވޯޑް ދޭން ނިންމައިފި އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ އެ ޖަމިއްޔާ އިން ކޮންމެ އަހަރަކު ދެމުން އަންނަ "އެމްބަސެޑާ އޮފް ކޮންޝަންސް" އެވޯޑުގެ މިއަހަރުގެ އެވޯޑު މަލާލާ ޔޫސުފްޒާއީ އަށް ދޭން ނިންމާފައިވާ ކަމަށާއި އުމުރުން 16 އަހަރުގެ މަލާލާ އަށް މިއެވޯޑު ދޭނީ މިރޭ އަޔަލެންޑްގެ ޑަބްލިންގައި ކުރިއަށްދާ ރަސްމިއްޔާތެއްގައި ކަމަށެވެ.
އެމްނެސްޓީގެ ވެބްސައިޓްގައިވާ ގޮތުން "އެމްބަސެޑާ އޮފް ކޮންޝަންސް" އެވޯޑަކީ އެމީހެއްގެ ދިރިއުޅުމުގެ މަސައްކަތުން އަދި ނަމޫނާއެއްގެ ގޮތުގައި އިންސާނީ ހައްގުތައް ޕްރޮމޯޓްކޮށް ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކުގެ ހިދުމަތްތައް ފާހަގަކުރުމަށް ދެވޭ އެވޯޑެކެވެ.
މިއަހަރުގެ "އެމްބަސެޑާ އޮފް ކޮންޝަންސް" އެވޯޑު މަލާލާގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ ލަވަ ކިޔުންތެރިޔާ ހެރީ ބެލަފޮންޓޭ އަށް މި އަހަރު މިއެވޯޑު ދޭނެ ކަމަށް އެމްނެސްޓީ އިން ބުނެ އެވެ.
ތާލިބާނުން މަލާލާއަށް ހަމަލާދީފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސްކޫލް ބަހެއްގައި ދަތުރުކުރަމުންދަނިކޮށެވެ. އެހަމަލާ މަލާލާގެ ބޮލަށް ބަޑިޖަހާފައިވާ އިރު، މަލާލާ އަށް ފަރުވާދީފައި ވަނީ އިނގިރޭސިވިލާތުގަ އެވެ.
އެމްނެސްޓީގެ އެންމެ ޝަރަފުވެރި އެވޯޑު މަލާލާއަށް ދޭން ނިންމާފައިވާ އިރު، އިއްޔެ ޔޫރަޕުގެ ގައުމުތަކުގެ ޕާލިމަންޓްރީ ޔޫނިއަން ކަމަށްވާ ޔޫރަޕިއަން ޕާލިއަމަންޓުން ވަނީ އެފަރާތުން =ދޭ "ސަހަރޯވް" ޕްރައިޒްއަށް މަލާލާ ނޮމިނޭޓްވެފައިވާ ކަން ހާމަކޮށްފަ އެވެ.
ޔޫރަޕިއަން ޕާލިއަމަންޓުން ބުނީ "ސަހަރޯވް" ޕްރައިޒަށް ނޮމިނޭޓްވެފައިވާ ހަތް މީހުންގެ ތެރޭގައި މަލާލާ ހިމެނޭ ކަމަށެވެ. އަދި 65،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ހިމެނޭ "ސަހަރޯވް" ޕްރައިޒް ލިބޭނީ މިހަތް ނޮމިނީންގެ ތެރެއިން އެކަކަށެވެ.
މިހަތް ނޮމިނީންގެ ތެރޭގައި ފާހަގަކޮށްލެވޭ މީހަކަށް ދެން ހިމެނިފައި ވަނީ އެމެރިކާގެ ޖާސޫސީ ސިއްރުތަކެއް ލީކުކޮށްލި ސީއައިއޭގެ ކުރީގެ އެނަލިސްޓް އެޑްވާޑް ސްނޯޑެން އެވެ.