17 Sep 2013, 11:39
ރޯމް (ސެޕްޓެމްބަރ 17): މިދިޔަ އަހަރު ފެތުނު އިޓަލީގެ ކްރޫޒް ބޯޓު"ކޮސްޓާ ކޮންކޯޑިޔާ" ނަގައި ކޮޅަށް ޖެހުމުގައި ކާމިޔާބު ހޯދިއްޖެ ކަމަށް އެބޯޓު ނެގުމަށް މަސައްކަތްކުރާ އިޓަލީގެ އިންޖިނޭރުންގެ ޓީމުން ބުނެފި އެވެ.
އިޓަލީގެ ޓޮސްކާން ޖަޒީރާގެ ކައިރިއަށް މިބޯޓު ފެތުނީ ގަލުގައި ޖެހި ފޫވެއްޓިގެންނެވެ. ފޫވެއްޓުނު ތަނުން ބޯޓަށް ފެން ވަތް ނަމަވެސް ބޯޓު އެއްކޮށް އަޑިއަށް ދިޔުމުގެ ބަދަލުގައި އޮތީ އަރިއަޅާލާފަ އެވެ. ބަރުދަނުގައި 114 ހާސް ޓަނު ހުރި އެ ބޯޓު ސީދާކޮށް ކޮޅަށް ޖެހުމުގެ މަސައްކަތް ކާމިޔާބު ވުމުން ދެން އޮތީ އެތަނުން އެހެން ތަނަކަށް ގެންދިޔުމުގެ މަސައްކަތް ކަމަށް އިންޖިނޭރުން ބުންޏެވެ.
http://www.sun.mv/albums/l_20121.jpg
މިދިޔަ އަހަރު ހިނގި އެ ހާދިސާގައި 23 މީހަކު މަރުވި ނަމަވެސް އޭގައި ތިބި އެތައް ސަތޭކަ ބަޔަކު ވަނީ ސަލާމަތް ކުރެވި ފައެވެ.
ތިން ފުޓްބޯޅަ ދަނޑުގެ ދިގުމިން ހުންނަ މިބޯޓަކީ ޓޫރިސްޓުން ގޮވައިގެން ދުނިޔޭގެ އެކިގައުމުތަކަށް ދަތުރުކުރާ އެންމެ ބޮޑު ސައިޒްގެ ކްރޫޒް ޝިޕެކެވެ. އެބޯޓު ފެތުނު ހާދިސާގައި ފަސް މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހުން މެރިކަމުގެ ތުހުމަތު ކުރެވިފަ އެވެ.
http://www.sun.mv/albums/l_20123.jpg
އެބޯޓުގެ ކެޕްޓަން ފްރާންސިސްކޯ ޗިތީނޯގެ މައްޗަށް ގެންދަނީ ބޯޓު ފެތުނުވަގުތު ފަސިންޖަރުންނާއި ފަޅުވެރިން ދޫކޮށްލައި ފިލިކަމުގެ ތުހުމަތުގައި ޝަރީއަތް ހިންގަމުންނެވެ. "ކޮސްޓާ ކޮންކޯޑިޔާ"ނަގައި ކޮޅަށް ޖެހުމަށް ފަހު އެބޯޓު އެތަނުން ގެންދިޔުމަށް ޓަކައި ބިޔަ ޓަގު ބޯޓުތަކެއްގެ ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
http://www.sun.mv/albums/l_20126.jpg