17 Sep 2013, 11:31
އައްޑޫ ސިޓީގެ ހިތަދޫގައި ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ހިތަދޫގެ ހަ ގެއެއް ބަލައި ފާސްކުރުމަށްފަހު، ހާޑްޑިސްކް ފަދަ ބައެއް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކަށް ބޭނުންވާ ބައެއް މައުލޫމާތުތައް ހޯދުމަށް އެ ހަ ގެއަށް ވެސް ވަދެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ ގެތައް ބަލައި ފާސްކުރުމުގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ފުލުހުން ކޮށްފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގެތަކުން ހޯދި އެއްޗެއްސާ ބެހޭ ތަފްސީލެއް ތަހުގީގަށް ހުރަސްއެޅިދާނެތީ މިވަގުތު ދެއްވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގެތަކުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ލިބޭނެހެން ހީވާ އެއްޗެއް ވިއްޔާ އެ ގެތަކުން ނެނގިން އޭގެ ތެރޭގައި ހާޑްޑިސްކް ފަދަ އެއްޗެހި ހިމެނޭ. އެކަމުގެ ތަފްސީލްތައް މީޑިއާ އަށް ހާމަކުރާނަން،" ޝިފާން ވިދާޅުވި އެވެ.
ހިތަދޫގައި ރިޔާސީ އިންތިހާބަށް ފަހު ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. އޭގެތެރޭގައި ސިހުރު ހަދާ މައްސަލަތަކާ އައިޑީކާޑު ގަނެވިއްކުމުގެ މައްސަލަތަކެއް ވެސް ވަނީ ކުރިމަތިވެފަ އެވެ. އެހުރިހާ މައްސަލަތައް ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.